ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ޒުވާނުންގެ ކައުންސެލިންގ ހިދުމަތަށް ހާއްސަ ޓޯލް-ފްރީ (ހިލޭ ގުޅޭ) ހޮޓްލައިން ”1456“ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ހިދުމަތުގެ މައިގަނޑު އަމާޒަކީ ކޮންމެ ޒުވާނަކަށްވެސް އެ މީހެއްގެ ބޭނުންތަކާ އެކަށޭނަ ގޮތެއްގައި، އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ލަފައާއި އިރުޝާދު ލުއިފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ހާއްސަ ކައުންސެލިންގ ހިދުމަތާއި، ނަފްސާނީ ސިއްހަތާ ގުޅުންހުރި ފަންނީ ލަފައާއި އިރުޝާދުގެ އިތުރުން ކުއްލި ހާލަތްތަކުގައި ބޭނުންވާ ނަފްސާނީ އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ސިއްހީ ސްކްރީނިންގ ހިދުމަތްތަކާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކުގެ އިތުރުން، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހިދުމަތަކީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު ”1456“ އަށް ގުޅައިގެން މުޅިން ހިލޭ ލިބޭނެ ހިދުމަތެކެވެ.










