ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން އާ ހަމަލާތަކެއްގައި، ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްގެ ދޮށީ ދަރިކަލުންނާއި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކު ޝަހީދުވެއްޖެއެވެ.
މެޑިކަލް މަސްދަރުތަކުން އަލްޖަޒީރާއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި ތިން މީހުން ޝަހީދުވެފައިވާއިރު، ހުކުރު ދުވަހު ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް އިތުރު ކުއްޖަކު ވަނީ ޝަހީދުވެފައެވެ.
އުތުރު ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕް ކައިރީގައި ހުރި ޓެންޓަކުން ނުކުތް ވަގުތު ޔަހޫދީ ޑްރޯން ހަމަލާއެއް އަމާޒުވެ، ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުނީރު އަލް-ބުރުޝްގެ ދޮށީ ފިރިހެން ދަރިކަލުން ބަޞީރު އަލް-ބުރުޝް ވަނީ ޝަހީދުވެފައެވެ. މި ހާދިސާގައި އިތުރު މީހަކު ވަރަށް ބޮޑަށް ޒަޚަމްވިއެވެ. ހަމަލާ އަމާޒުވީ އެ ސަރަޙައްދުގެ ފީލްޑް ހޮސްޕިޓަލެއްގެ ފަހަތުގައި ކުދިންނަށް ކިޔަވައިދެމުންދިޔަ ވަގުތު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑރ. މުނީރު އަލް-ބުރުޝް ވިދާޅުވީ، ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން ދެބަފައިން އެކުގައި ތިބި ކަމަށާއި، އިސްރާއީލުން އެ ދެމީހުންނަށް އަމާޒުކުރަމުންދާ ކަމަށް ދަރިފުޅު ބުނި ކަމަށެވެ. އަދި ޓެންޓުން ބޭރަށް ފިޔަވަޅު އެޅިތަނާހެން ސީދާ ޑްރޯން މިސައިލް އޭނާއަށް އަމާޒުވި ކަމަށް ވިދާޅުވިއެވެ. މި ހިތާމަވެރި ވަގުތުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ޑރ. މުނީރަށް ތަޢުޒިޔާ ފޮނުވާފައެވެ.
މީގެއިތުރުން، ޣައްޒާ ސިޓީގެ ޝެއިޚް ރަޟްވާން މާރުކޭޓް ސަރަޙައްދުގައި އާންމުންގެ ކާރަކަށް ޑްރޯނަކުން ހަމަލާދީ އެކަކު ޝަހީދުކޮށްލައި، ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން ޒަޚަމްކޮށްލާފައިވެއެވެ. މި ހަމަލާގައި ކާރުގައި އަލިފާން ރޯވެ، ޝަހީދުވި މީހާގެ ހަށިގަނޑު ވަނީ ކާކުކަން ވަކިކުރަން ނޭނގޭ ވަރަށް އަނދާފައެވެ. ހަމައެއާއެކު، ޣައްޒާ ސިޓީގެ އިރުމަތީ ޝުޖާޢިއްޔާ ސަރަޙައްދަށް ދިން ހަމަލާއެއްގައިވެސް މީހަކު ޝަހީދުވިއެވެ.
މެދުތެރޭ ޣައްޒާގެ ނުޞައިރާތު ކޭމްޕް ކައިރިން އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްޠީނުގެ އަންހެން ކުއްޖަކު އަލްއަޤްޞާ މާޓިއާސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ޝަހީދުވެފައެވެ. އަދި މަޣާޒީ ކޭމްޕް ކައިރިން ޔަހޫދީން ދިން ހަމަލާތަކުގައި އިތުރު އަންހެނަކާއި މީހަކު ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން ޣައްޒާއަށާއި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރަމުންދާތީ، ޙަމާސްގެ ސިޔާސީ ލީޑަރު ޚަލީލް އަލް-ޙައްޔާ ވަނީ މެދުވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. މެދުވެރިންގެ ދައުރު އަދާކުރާ ޤަޠަރު، މިޞްރު އަދި ތުރުކީން ވަނީ އިސްރާއީލުގެ މި އުދުވާންތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
އޮކްޓޫބަރު 2023 ގައި ޔަހޫދީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ފެށި ނަސްލުހޭދުގެ ހަނގުރާމައިގައި މިހާތަނަށް 73,910 އަށްވުރެ ގިނަ ފަލަސްޠީނުން ޝަހީދުވެ، 174,914 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޔުނިސެފުން ހާމަކުރި ގޮތުގައި، ޣައްޒާގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް ކުޑަކުއްޖަކު ޝަހީދުވަމުންދާއިރު، އެންމެން ހާލުގައި ޖެހި ބިމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދު ވަނީ ފުރި ބާރުވެފައެވެ.













