ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި އަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ މައްސަލައިގައި ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާކަން އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި 8 މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕީޖީ އޮފީހުން މައްސަލަތައް ދިރާސާކުރުމަށްފަހު ޝަރީއަތަށް ހުށަހަޅާފައިވާ މިންވަރު މަހުން މަހަށް ވަނީ އިތުރުވެފައެވެ. މުޖުތަމައުގެ އަމަންއަމާންކަން ދަމަހައްޓައި އިންސާފު ގާއިމުކުރުމަށްޓަކައި، ތަހުގީގީ އިދާރާތަކުން ފޮނުވާ މައްސަލަތައް ދިރާސާކޮށް ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން ކުރަމުންދަނީ ހަލުވި ދުވެއްޔެއްގައެވެ. މިގޮތުން، މި އަހަރުގެ މިހާތަނަށް ޖުމްލަ 2،231 މައްސަލައެއްގައި ދައުވާ އުފުލުމަށްޓަކައި ކޯޓުތަކަށް ވަނީ ހުށަހަޅާފައެވެ.
ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 451 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޝަރުއީ ކޯޓުތަކުން 2،372 މައްސަލައެއް ބަލައި، ހުކުމް އިއްވާފައިވާކަން ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ޕީޖީ އޮފީހުގެ މައުލޫމާތުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް އެ އޮފީހަށް 1،653 މައްސަލައެއް ވަނީ ބަލައިގެންފައެވެ. މީގެއިތުރުން، ތަުގީގީ އެކި އިދާރާތަކުން ގާނޫނީ ލަފައަށް އެދި ހުށަހެޅި 4،970 މައްސަލައަކަށް އެ އޮފީހުން ވަނީ ބޭނުންވާ ގާނޫނީ އިރުޝާދާއި ލަފާ ފޯރުކޮށްދީފައެވެ.
ރައްޔިތުންގެ މުދަލާއި އަބުރު ރައްކާތެރިކޮށް، މުޖުތަމައުގެ ހަމަޖެހުމާ ގުޅުންހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ކޯޓަށް ހުށަހަޅައިގެން އިންސާފު ގާއިމުކުރުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައިގަނޑު އަމާޒެވެ. އަދި ޝަރުއީ މަރުހަލާގައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ކޯޓުތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަގީންކަން އެ އޮފީހުން އަރުވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.












