”އަޅުގަނޑުމެންނާ ހަވާލުވިއިރަށް އެކަނި ބަލާކަމުގައިވަނީ ނަމަވެސް އިގްތިސޯދު އޮތީ ފުން އަދަވަޅަކަށް ވަށްޓާލާފައި. ގައުމާ ހަވާލުވެ ހުވާކޮށް ރައްޔިތުންނާ ފުރަތަމަ ވާހަކަ ދައްކަމުންވެސް އަޅުގަނޑު ދެންނެވިން އިގްތިސޯދީ ހާލަތު އޮތް ގޮތް. އާދެ އިގްތިސޯދު އޮތީ ފުން އަނދަވަޅެއްގެ ތެރެޔަށް ވައްޓާލާފައި. އެ ވައްޓާލާފައިވާ އަނދަވަޅުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. ފަނާކުރަނިވި ފިކުރުން ގައުމުގެ އިގްތިސޯދު އޮތީ ފަނާކޮށްލާފައި. ބިނާކުރަނިވި ފިކުރުން މިދަނީ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން“- ރައީސް މުޢިއްޒު
މިއީ ނިމިދިޔަ ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ދ. މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމުގެ އިގްތިސޯދީ ހާލަތު އޮތް ގޮތް ތަސައްވަރުކުރައްވައި ދެއްކެވި ވާހަކަފުޅެވެ.
ތެދެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ އެތައް ބިލިއަން ޑޮލަރަކުން ދަރުވާލާފައެވެ. ގައުމުގެ އިގްތިސޯދީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައެވެ. ނަމަވެސް އެއިރުވެސް ރައީސް ދެއްވި ޔަގީންކަމަކީ އިގްތިސޯދީ ހާލަތު ރަނގަޅުކުރާނެކަމުގެ ޔަގީންކަމެވެ. ދަރަނީގެ ބިޔަ ދަންތޫރައިން ސަލާމަތްކުރައްވާނެކަމުގެ ޔަގީންކަމެވެ. އެ ހަގީގަތުގައި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި މިވަނީ އަމަލީ ސިފަ ޖައްސަވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ކުރީގެ ސަރުކާރުތަކުން ވާރުތަވި ބޮޑެތި ދަރަނީގެ ދަންތުރަތަކުން ގައުމު ސަލާމަތްކޮށް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދައްކައި އިގްތިސޯދީ ގޮތުން ގައުމު ބޮޑު ކުރިއެރުމަކާ ދިމާއަށް މިހާރު މިވަނީ މިސްރާބު ޖަހައިފައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. ދައުލަތުގެ ރިޒާވް އޮތީ އިންތިހާއަށް ދަށަށް ގޮސްފައެވެ. ބޭރުގެ ދަރަނިތައް ނުދެއްކިގެން ގައުމު ބަނގުރޫޓުވެދާނެކަމުގެ ބިރު އޮތީ އިންތިހާއަށް ބޮޑުވެފައެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ މާލީ ފިޔަވަޅުތަކާއެކު މި ނުރައްކަލުން މިހާރު ވަނީ މުޅިން އަރައިގަނެވިފައެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް މިހާރު ވަނީ ރާއްޖޭގެ އިގްތިސޯދަށް ކުރާ އިތުބާރު އާލާކޮށްފައެވެ. މިއީ ހަރުދަނާ އިގްތިސޯދީ ސިޔާސަތުތަކެއްގެ ނަތީޖާއެވެ.
ދަރަނި އަދާކުރުމުގެ ރެކޯޑަށް ބަލާއިރު މި ސަރުކާރުން ވަނީ ތާރީހީ މިންވަރަކަށް ދަރަނި ދައްކާފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ސީދާ ބޭރު ދަރަނީގެ ގޮތުގައި 1.29 ބިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް 19.8 ބިލިއަން ރުފިޔާއެވެ. މިއީ ދައުލަތުގެ އެއް އަހަރުގެ ބަޖެޓުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ ބޮޑު އަދަދެކެވެ. މިހާ ބޮޑު އަދަދެއް ކުރު މުއްދަތެއްގައި ދެއްކުމަކީ އިގްތިސޯދީ ގޮތުން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
ކުރީގެ ސަރުކާރުތަކުގެ ތަފާސްހިސާބުތަކާ އަޅާކިޔާއިރު މި ސަރުކާރުގެ ކާމިޔާބީ ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިކަމުގައި ބޭރު ދަރަނީގެ ގޮތުގައި ދައްކާފައިވަނީ 953.93 މިލިއަން ޑޮލަރެވެ. މިއީ ފަސް އަހަރުގެ މުއްދަތަކަށް ބަލާއިރު ނިސްބަތުން ކުޑަ އަދަދެކެވެ. އެ ސަރުކާރުން އިސްކަންދިނީ ދަރަނި ދެއްކުމަށްވުރެ ބޮޑަށް އައު ދަރަނި ނެގުމަށެވެ. މީގެ ސަބަބުން ދައުލަތުގެ މާލީ ބުރަ އޮތީ އިންތިހާއަށް ބޮޑުވެފައެވެ.
އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ދަރަނީގެ ގޮތުގައި ދައްކާފައިވަނީ 418.17 މިލިއަން ޑޮލަރެވެ. އެ ދުވަސްވަރުވެސް ގިނަ އަދަދެއްގެ ލޯނުތައް ބޮޑެތި މަޝްރޫއުތަކަށް ނަގާފައިވެއެވެ. މި އަދަދުތަކުން ދައްކައިދެނީ ކުރީގެ ދެ ސަރުކާރުންވެސް ދަރަނި އަދާކުރުމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ކަމެވެ. ނަތީޖާއެއްގެ ގޮތުން މި ހުރިހާ ދަރަންޏެއްގެ ބުރަ އުފުލަން ޖެހުނީ ރައީސް މުއިއްޒުގެ ސަރުކާރަށެވެ. މިއީ ވަރަށް ނުރައްކާތެރި ދަރަނީގެ ދަންތުރައެކެވެ.
މި ސަރުކާރުން މި ދަރަނީގެ ދަންތުރައިން ސަލާމަތްވުމަށް ހާއްސަ ސްޓްރެޓެޖީއެއް އެކުލަވާލިއެވެ. އެންމެ ފުރަތަމަ ކަމަކަށް ސަރުކާރުން އަމާޒުހިފީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށެވެ. އޭގެ ފަހުން އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދައި ފުޅާކުރިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެއްސުމަށް މަގުފަހިވެގެން ދިޔައެވެ. ރިޒާވު 1.3 ބިލިއަން ޑޮލަރަށް އިތުރުކޮށް ތާރީހުގެ ރެކޯޑެއް ގާއިމްކުރިއެވެ ބޭރުގެ އެހީއާ ނުލައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ރޫހެއް ސަރުކާރުން ވަނީ ދައްކައިދީފައެވެ.
މެކްރޯ އިގްތިސޯދީ މިންގަނޑުތަކުން ބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ވަނީ ހޯދާފައެވެ. ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރުވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި ވަނީ 6.8 ޕަސަންޓު ދަށްކުރެވިފައެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަށްކުރުމަކީ ކޮންމެ ގައުމަކުންވެސް ހާސިލުކުރަން ބޭނުންވާނެ އެންމެ މުހިންމު އެއް ލަނޑުދަނޑިއެވެ. މިކަން ހާސިލުކުރެވުނީ އިގްތިސޯދު ފުޅާކުރުމާއެކު ދަރަނި އަދާކުރުން އަވަސްކުރުމުންނެވެ. މިއީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެކެވެ.
ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރެވުމުގެ އިތުރުން ބަޖެޓުގެ ހާލަތުވެސް ވަނީ ރަނގަޅުކުރެވިފައެވެ. ޖީޑީޕީގެ ނިސްބަތުން ބަޖެޓުވެސް މިހާރު ވަނީ ސާޕްލަސްވެފައެވެ. ބަޖެޓު ސާޕްލަސްވުމަކީ ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ކުރާ ހޭދަ ކުޑަވުމެވެ. މިއީ ފާއިތުވި ގިނަ އަހަރުތަކެއްގައި ދިވެހިރާއްޖޭގެ މާލީ ތާރީހުގައި ފެނިފައިނުވާ ފަދަ އުފާވެރި މަންޒަރެކެވެ. މީގެ ކުރިން އަބަދުވެސް ފެންނަމުން ދިޔައީ ބަޖެޓު ޑެފިސިޓްވެ، އެ ޑެފިސިޓް ފޫބެއްދުމަށް ލޯނު ނަގަމުންދިޔަ ތަނެވެ.
ބަޖެޓު ސާޕްލަސް ކުރެވުނީ ސަރުކާރުން އެޅި ހަރުކަށި މާލީ އިސްލާހުތަކުގެ ސަބަބުންނެވެ. ސަރުކާރުގެ ރަސްމީ ދަތުރުތައް ވަނީ އިންތިހާއަށް މަދުކޮށްފައެވެ. ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ އިދާރީ ހިންގުމުގެ ހަރަދު ވަނީ ކުޑަކޮށްފައެވެ. މީގެ އިތުރުން ސަބްސިޑީ ނިޒާމު އިސްލާހުކޮށް، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ލިބޭނެ މަގު ވަނީ ފަހިކޮށްފައެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށްވީ ދައުލަތުގެ މާލިއްޔަތުގައި ފައިސާ ރައްކާކުރެވުމެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން، ފައިސާ ޗާޕުކުރުންވެސް މި ސަރުކާރުން ވަނީ ހުއްޓާލާފައެވެ. ކުރީ ސަރުކާރުން ވަނީ މަރުކަޒީ ބޭންކުން އެތައް ބިލިއަން ރުފިޔާއެއް ޗާޕުކޮށްފައެވެ. އޭގެ ސަބަބުން ޑޮލަރުގެ އަގު އުފުލި، އިންފްލޭޝަން މައްޗަށް ދިޔައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ފައިސާ ޗާޕުކުރުން ހުއްޓާލައި، ފައިސާގެ އަގު ހިފެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. މިއީ ދިގު މުއްދަތެއްގައި އިގްތިސޯދު ހަމައަކަށް އެޅުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ބޭރުގެ ދަރަނިތައް ދެއްކުމުގައިވެސް ސަރުކާރުން ވަނީ ނަމޫނާ ދައްކާފައެވެ. ދައުލަތުން ވަނީ މި ފަހުން އިންޑިއާގެ ސުކޫކަށްވެސް ފައިސާ ދައްކާފައެވެ. އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ޓްރެޝަރީ ބިލްތަކުގެ ފައިސާ ގަވާއިދުން ވަނީ ދައްކައި ހަލާސްކޮށްފައެވެ. މިއީ ރާއްޖެއިން ބޭރުގެ ދަރަނިތަކަށް ޑިފޯލްޓް ވެދާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދިޔަ ދޮގު ހަބަރުތަކަށް ލިބުނު ވަރަށް ވަރުގަދަ ރައްދެކެވެ. ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މާލީ ޒިންމާތައް ފުރިހަމައަށް އަދާކޮށްފައެވެ.
އިންޑިއާގެ ފައިސާ ދެއްކުމަކީ ސަރަހައްދީ ގުޅުންތަކަށްވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ މާލީ އިތުބާރު ވަނީ އާލާވެފައެވެ. ދިވެހިރާއްޖެއަކީ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި ގައުމެއްކަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ވަނީ ސާބިތުކޮށްދީފައެވެ. މިކަމުގެ ސަބަބުން ކުރިމަގުގައި އިންވެސްޓްމަންޓްތައް ހޯދުމަށް ރާއްޖެއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އިގްތިސޯދީ ސިޔާސަތު އޮތީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ.
ދަރަނި ދެއްކުމުގެ އިތުރުން ބައެއް ލޯނުތައް އަދާކުރުމަށް ސަރުކާރުން ވަނީ ލުއި ގޮތްތަކެއް ހޯދާފައެވެ. ޗައިނާއިންނާއި އޭޑީއެފްސީން ވަނީ ލޯނު ޕޭމަންޓުތައް ފަސްކޮށްދީފައެވެ. ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން ޗައިނާގެ ބޮޑެތި ލޯނުތައް ދެއްކުމަށް ވަނީ ގްރޭސް ޕީރިއަޑެއް ލިބިފައެވެ. މިއީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖުކުރުމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ.
އަބޫދާބީ ފަންޑު ނުވަތަ އޭޑީއެފްސީން ލޯނު ފަސްކޮށްދިނުމަކީވެސް ޑިޕްލޮމެޓިކް ބޮޑު ކާމިޔާބީއެކެވެ. މެދުއިރުމަތީގެ ގައުމުތަކާ ގުޅިގެން ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ސަބަބުން އަރަބި ގައުމުތަކުގެ އިތުބާރު ވަނީ ހޯދިފައެވެ. ލޯނު ފަސްކޮށްދިނުމުގެ ސަބަބުން ދައުލަތުގެ ރިޒާވްގައި ހުރި ޑޮލަރު އެހެނިހެން މުހިންމު ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. މި ފައިސާ ބޭނުންކުރެވެނީ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ބޭރުގެ ދަރަނިތައް ދެއްކުމަށާއި އިގްތިސޯދު ހިމާޔަތްކުރުމަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ސަރުކާރުން ވަނީ މި ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރުން މަޖުބޫރުކޮށްފައެވެ. މީގެ ކުރިން މި ފަންޑުގައި ހުރި ޑޮލަރު މާރުކޮށް ދިވެހި ފައިސާއަށް ބަދަލުކޮށްފައި އޮތުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް މިހާރު މި ފަންޑުގައި ހުރި ފައިސާއިން ބޭރުގެ ބޮޑެތި ދަރަނިތައް ދެއްކުމުގެ ގާބިލުކަން ދައުލަތަށް ވަނީ ލިބިފައެވެ. މިއީ މުސްތަގުބަލަށް އަމާޒުކޮށްގެން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުން މިހާ ގިނަ އަދަދެއްގެ ފައިސާ ދަރަނި އަދާކުރުމަށް ހޭދަކުރި ނަމަވެސް ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް މެދުވެރިވިޔަ ނުދީ ވަނީ ހިފަހައްޓާފައެވެ. ގައުމަށް އެތެރެކުރަންޖެހޭ ތެލާއި، ކާބޯތަކެއްޗާއި، ބޭހުގެ ބާވަތްތައް އެތެރެކުރުމަށް އެއްވެސް ހުރަހެއް އެޅިފައިނުވެއެވެ. މިއީ މަރުކަޒީ ބޭންކާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ރާވާފައިވާ ހަރުދަނާ މާލީ ޕްލޭނެއްގެ ދަށުން ކުރެވުނު ކަމެކެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ގޮތަށް ދަރަނި މެނޭޖުކުރުމަކީ ފާހަގަކުރަންޖެހޭ ކަމެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތައް އިސްލާހުކުރުމަކީވެސް ދަރަނި ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ގެއްލުމުގައި ހިންގަމުންދިޔަ ބައެއް ކުންފުނިތައް އުވާލައި އެހެން ކުންފުނިތަކާ އެއްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ފެނަކައާއި ސްޓެލްކޯ އެއްކޮށްލުމާއި އާރްޑީސީ އުވާލައި އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިކަމުގެ ސަބަބުންވެސް އިސްރާފު ކުޑަވެ، ދައުލަތުވެ ހަރަދު ކުޑަވެގެންދާނެއެވެ.
އިގްތިސޯދީ ދުވެލި ހަލުވިކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. ފަތުރުވެރިން އަންނަ މިންވަރު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމަކީ ބަޖެޓު ސާޕްލަސް ކުރުމަށް ލިބުނު އެންމެ ބޮޑު އެއް ބާރެވެ. އިގްތިސޯދު ސިންދަފާތުކޮށް، އާމްދަނީ ލިބޭނެ އިތުރު ދާއިރާތައް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ދަރަނިތައް ގަވާއިދުން ދައްކަމުން ދިއުމާއި، މާލީ ހާމަކަން ބޮޑުވުމުގެ ސަބަބުން އިންވެސްޓަރުންގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ. ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ދިވެހިރާއްޖޭގެ ނަން ވަނީ ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އައު އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ގައުމުގައި ވަނީ ގާއިމުވެފައެވެ.
ކުރިމަގަށް ބަލާއިރު ރާއްޖޭގެ އިގްތިސޯދީ މިސްރާބު ހުރީ ވަރަށް އުއްމީދީ ގޮތަކަށެވެ. ދަރަނީގެ ބޮޑު ބައެއް ދައްކައި ހަލާސްކުރެވިފައިވުމާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ސާބިތުކޮށްދީފައިވަނީ ހަރުދަނާ ލީޑަރޝިޕެއްގެ ދަށުން އިގްތިސޯދީ ބޮޑެތި ކާރިސާތަކުން ގައުމު ސަލާމަތްކުރެވޭނެ ކަމެވެ. ދަރަނީގެ ދަންތުރައިން ސަލާމަތްވެ، ފުދުންތެރި އަމިއްލަވަންތަ އިގްތިސޯދެއް ބިނާކުރުމުގެ ހުވަފެން މިއަދު މިދަނީ ހަގީގަތަކަށް ވަމުންނެވެ. މިއީ ގައުމަކަށް ހެޔޮ އެދޭ ވެރިޔެއްގެ އިހުލާސްތެރި މަސައްކަތްކަމާމެދު ޝައްކެއް ނެތެވެ.




