ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ގްރޭޑް 10 ނިންމާ ދަރިވަރުން ފުރިހަމަކުރާ ކޭމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު، 8،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަދު ފެށުނު މި އިމްތިހާނުތައް އަންނަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އެ މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ އޯލެވެލް އަދި އައިޖީސީއެސްއީ އިމްތިހާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވާއިރު، އެސްއެސްސީ އިމްތިހާނުގައި 7،776 ދަރިވަރުން ބައިވެރިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އިމްތިހާނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި 3،222 ދަރިވަރުން އިމްތިހާނު ހަދާނެއެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ގާއިމުކޮށްފައިވާ 242 ސެންޓަރުގައި 2،869 ދަރިވަރުން އިމްތިހާނު ހެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިއަހަރުގެ އިމްތިހާނު ފެށުމުގެ ގޮތުން މިއަދު ދަރިވަރުން ހަދާފައިވަނީ އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރެވެ. މި އިމްތިހާނަކީ ސާނަވީ ތައުލީމު ނިންމައި، މަތީ ސާނަވީ މަރުހަލާއަށް ނުވަތަ އަމަލީ މައިދާނަށް ފިޔަވަޅު އެޅުމުގައި ދަރިވަރުންގެ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އިމްތިހާނެކެވެ.













