މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ މިދަނޑިވަޅުގައި، އެމެރިކާއެކު މަޝްވަރާތައް އަލުން ފެށުމަށްޓަކައި އީރާނުން ޝަރުތުތަކެއް ހުށަހަޅައިފިއެވެ. އަދި ހަމައެއާއެކު، ޔަމަނުގެ ހޫޘީން ސައުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ނާކާމިޔާބު ކޮށްލާފައެވެ.
އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލެއް ކަމަށްވާ މުޙްސިން ރިޟާއީ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މަޝްވަރާތައް އަލުން ފެށުމާ ގުޅޭގޮތުން ތެހެރާނުގެ ޝަރުތުތައް ޤަޠަރުގެ މެދުވެރިން މެދުވެރިކޮށް ވައިޓް ހައުސްއަށް މިހާރު ރައްދުކޮށްފައިވާ ކަމަށެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި އީރާނުން ހުށަހަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި, ހުރިހާ ދިމާއަކުން ކުރިއަށްދާ ހަނގުރާމަ ވަގުތުން ހުއްޓާލުމާއި، ފްރީޒްކޮށް ހިފަހައްޓާފައިވާ އީރާނުގެ ހުރިހާ މާލީ މުދަލަކާއި ފައިސާތައް ދޫކޮށްލުން ހިމެނެއެވެ.
އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބަންދުތައް އުވާލުން ހިމެނެއެވެ.
މި ދަނޑިވަޅުގައި، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ވަނީ ސައުދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކުގައި ހުރި ”ނާޒުކު އަދި މުހިންމު“ ތަންތަނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި ސައުދީގެ ވެރިރަށް ރިޔާޟާއި، ޔަންބުއު ބަނދަރު ސިޓީގައި ހުންނަ އަރާމްކޯގެ ތެޔޮ ސާފުކުރާ މަރުކަޒުތައް ހިމެނޭ ކަމަށް ހޫޘީން ބުނެފައިވެއެވެ.
ނަމަވެސް، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން މަޢުލޫމާތު ދޭ ގޮތުގައި ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލައި ނާކާމިޔާބު ކޮށްލާފައެވެ. މީގެ އިތުރުން ބީޝް، ޠާއިފް، ފަރަސާން އަދި ޔަންބުއު ފަދަ ސިޓީތަކަށް ދޭން އުޅުނު އެހެނިހެން ހަމަލާތައް ވެސް ދިފާޢީ ބާރުތަކުން ވަނީ ހުއްޓުވާފައެވެ.
މި ހާދިސާތަކާ ގުޅިގެން ސަރަޙައްދީ ހަމަޖެހުމަށް އިތުރު ބުރޫއެރުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.










