ސިޔާސީ ގޮތުން އައި ބޮޑު ބަދަލެއްގައި، މޮރޮކޯ އާއި އިސްތިއުމާރީ ވެރިކަން އިޒްރޭލުން އެ ދެޤައުމުގެ ދެމެދުގައިވާ ޑިޕްލޮމެޓިކް ގުޅުން ފުރިހަމަ އެމްބަސީ ފެންވަރަށް މަތިކޮށް، ސަފީރުން ބަދަލުކުރުމަށް އެއްބަސްވެއްޖެއެވެ.
ބުދަ ދުވަހު އެމެރިކާ، މޮރޮކޯ އަދި އިޒްރޭލުން ގުޅިގެ ޔޫން ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށްފައިވަނީ ނިއުޔޯކްގައި ބޭއްވި ތިން ޤައުމުގެ އިސްވެރިންގެ ބައްދަލުވުމަކަށް ފަހުގައެވެ. 2020 ވަނަ އަހަރު ސޮއިކުރި ’އަބްރަހަމް އެކޯޑްސް‘ އަށް 6 އަހަރު ފުރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ނިންމުން ނިންމާފައިމިވަނީ، މެދުއިރުމަތީގައި ހަނގުރާމައިގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ އަދި މޮރޮކޯގެ ޚާރިޖީ ވަޒީރު ނާސިރު ބޫރީތާ ވަނީ، މިހާރު ހުރި ލިއޭޒަން އޮފީސްތައް ފުރިހަމަ އެމްބަސީތަކަށް ބަދަލުކުރުމަށް އެއްބަސްވެފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ސަފީރުން ޢައްޔަނުކުރާނެއެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓް ޙިމާޔަތްކުރުމާއި ޓެކްސްގެ އެއްބަސްވުންތައް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމަށްވެސް ވަނީ ނިންމާފައެވެ.
މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ބަޔަކީ، މައްސަލަބޮޑުވެފައިވާ ހުޅަނގު ސަހަރާ ސަރަޙައްދަކީ މޮރޮކޯގެ ބައެއްކަމަށް އެމެރިކާއާއި އިޒްރޭލުން އަނެއްކާވެސް ބަލައިގަނެ، އެކަން ކަށަވަރުކޮށްދިނުމެވެ. މިކަމުގެ ސަބަބުން، މޮރޮކޯއާ ޖެހިގެން އޮންނަ އަދި 2021 ގައި މޮރޮކޯއާއެކު އޮތް ގުޅުން ކަނޑާލާފައިވާ އަލްޖީރިއާ އާއި މޮރޮކޯއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެގެންދާނެކަމަށް ބެލެވެއެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާއްމާ ގުޅިގެން މޮރޮކޯގެ ރައްޔިތުން މެދުކެނޑުމެއްނެތި މުޒާހަރާކޮށް، އިސްރާއީލާއެކު އޮންނަ ގުޅުން ކަނޑާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، މޮރޮކޯ ސަރުކާރުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަކީ އެ ޤައުމުގެ އެތެރޭގައި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާނެ ކަމެކެވެ.













