ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފަރޓިލިޓީ ސެންޓަރު މެދުވެރިކޮށް ދެމުންދާ އިން-ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) ފަރުވާގެ ކާމިޔާބީއާއެކު، މިހާތަނަށް 27 ކުއްޖަކު އުފަންވެ، އެތައް އާއިލާއަކަށް ބޮޑު އުއްމީދެއް ލިބިއްޖެއެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިދުމަތް ދޭން ފެށި މި ސެންޓަރުން ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި ފަރުވާ ހޯދި މީހުންގެ ތެރެއިން 35 މީހުންގެ އައިވީއެފް ވަނީ ކާމިޔާބުވެފައެވެ. އޭގެ ތެރެއިން 27 ކުދިން އުފަންވެފައިވާއިރު، އިތުރު 8 މީހެއްގެ ފަރުވާގެ މަރުހަލާތައް އަދިވެސް ދަނީ ކުރިއަށެވެ. މިއަހަރުގެ ޖެނުއަރީ މަހަކީ މި ސެންޓަރުގެ އެހީގައި ފުރަތަމަ ކުއްޖާ އުފަންވި މަހެވެ.
ދަރިމައިވުމުގެ އާންމު މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ހާއްސަކޮށްގެން ”ފަރޓިލިޓީ ޕްރިޒަވޭޝަން“ ނުވަތަ ދަރިމައިވުމުގެ ގާބިލުކަން ރައްކާތެރިކުރުމުގެ ހިދުމަތްވެސް އެ ސެންޓަރުން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުމުގެ ގޮތުން އަތޮޅުތެރެއަށްވެސް ދަރިމައިވުމުގެ ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު ދަރިމައިވުމުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މި ހިދުމަތް ރާއްޖޭގައި ފެށި، ކުރިއަރަމުން ދިއުމަކީ ކުދިން ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ގިނަ އާއިލާތަކަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަދި މިއީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުމުން އާއިލާތަކުން ކުރަންޖެހޭ ބޮޑެތި ހަރަދުތަކާއި، އުފުލަންޖެހޭ ނަފްސާނީ ތަކުލީފުތަކަށް ނުހަނު ބޮޑު ލުޔެއް ލިބިގެންދިޔަ ކަމެކެވެ.














