އިންޑިއާގެ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ބޮމްބޭގައި ބޭއްވި އިމްތިހާނެއްގެ ތެރޭގައި މޮބައިލް ފޯނު ބޭނުންކޮށްގެން ސުވާލު ކަރުދާސް ޗެޓްޖީޕީޓީއަށް އަރުވައިގެން ޖަވާބު ހޯދަން އުޅެނިކޮށް އަތުލައިގަތް ދަރިވަރަކު އަމިއްލައަށް މަރުވި މައްސަލައާ ގުޅިގެން ކޭމްޕަސް ތެރޭގައި އިހުތިޖާޖުތައް ފަށައި، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.
މަރުވެފައިވަނީ އެ އިންސްޓިޓިއުޓްގެ ޑިޕާޓްމަންޓް އޮފް އެނާޖީ ސައިންސް އެންޑް އިންޖިނިއަރިންގްގެ ދެވަނަ އަހަރުގައި ކިޔަވަމުންދިޔަ ސާހިލް ވަކޯޑޭ ނަމަކަށް ކިޔާ ދަރިވަރެކެވެ. މިއީ ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އައިއައިޓީ ޕޮވާއީ ކޭމްޕަސްގައި ހިނގި މިފަދަ ތިންވަނަ ހާދިސާއެވެ.
އިންސްޓިޓިއުޓުން ބުނެފައިވާ ގޮތުގައި އެ ދަރިވަރާމެދު އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައެއް ނުވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ކްލާސް އިންސްޓްރަކްޓަރާއި ޑިޕާޓްމަންޓުގެ ވެރިޔާ ދަރިވަރާ ވާހަކަދައްކައި، ނަސޭހަތްތެރިވެ، މި ހާދިސާގެ ސަބަބުން އޭނާގެ ތައުލީމީ ހަޔާތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ދީފައިވެއެވެ. ނަމަވެސް އެ މަޝްވަރާތަކަށްފަހު އެނބުރި ހޮސްޓެލް ރޫމަށް ދިޔަ ދަރިވަރު ފަހުން ފެނިފައިވަނީ މަރުވެފައި ވަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން އައިއައިޓީ ބޮމްބޭއިން ނެރުނު ބަޔާނެއްގައި ވަނީ ދަރިވަރުގެ މަރުގެ ހަބަރާއެކު އިންތިހާއަށް ދެރަވާކަން ހާމަކޮށްފައެވެ. އަދި މަރުވި ދަރިވަރުގެ ރައްޓެހިންނާއި، ކްލާސްކުދިންނާއި، ފެކަލްޓީ މެމްބަރުންގެ އިތުރުން މި ހާދިސާގެ އަސަރުކުރި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، މި މަރުގެ ހާދިސާއާ ގުޅޭ ކަންކަން ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، ސާހިލްގެ މަރުގެ ހަބަރު ފެތުރުމާއެކު އައިއައިޓީ ޕޮވާއީ ކޭމްޕަސްގައި ދަރިވަރުން ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ. އިހުތިޖާޖުކުރާ ދަރިވަރުން ތުހުމަތުކުރާ ގޮތުގައި އިދާރާއިން ދަނީ މިއީ ހިންގި ގޮތުގެ ފުރިހަމަ ހަގީގަތް ވަންހަނާކުރަމުންނެވެ. ދަރިވަރުން ބުނާ ގޮތުގައި ކޮޕީ ކުރި ކަމަށް ބުނެ ސާހިލްއަށް ވަނީ އެއް އަހަރުގެ ސަސްޕެންޝަނެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ސަސްޕެންޑްކޮށްފިނަމަ ހޮސްޓެލް ދޫކޮށް ކޭމްޕަސްއިން ބޭރުގައި އުޅެންޖެހޭނެ ކަމަށާއި، އޭގެ ސަބަބުން އޭނާގެ އިންޖިނިއަރިން ކޯސް ނިންމުމަށް ނަގާ މުއްދަތު ހަތަރު އަހަރަށްވުރެ އިތުރުވެގެންދާނެ ކަމަށް ދަރިވަރުން ފާހަގަކުރެއެވެ.
އިހުތިޖާޖުގައި ބައިވެރިވާ ދަރިވަރުން ބުނެފައިވަނީ އަޅަން އުޅުނު ފިޔަވަޅުތަކުގެ ސަބަބުން އުފެދުނު ބިރުވެރިކަމާއި ޕްރެޝަރަކީ ސާހިލް އަމިއްލައަށް މަރުވާން މެދުވެރިވި ސަބަބަކަށް ވެދާނެ ކަމަށެވެ. މިއީ މިއަހަރުގެ ތެރޭގައި އެކަނިވެސް ހިނގި މިފަދަ ހަތަރުވަނަ ހާދިސާ ކަމަށާއި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައިވެސް ދެ ހާދިސާ ހިނގާފައިވާތީ، އިންސްޓިޓިއުޓްގެ އެޑްމިނިސްޓްރޭޝަނުން މިކަމުގެ ފުރިހަމަ ޒިންމާ ނަގައި، ސާފު މައުލޫމާތު ހާމަކުރަންޖެހޭނެ ކަމަށް ދަރިވަރުން ދަނީ ގޮވާލަމުންނެވެ.
މި ހާދިސާއާ ގުޅިގެން ކޭމްޕަސް ތެރޭގެ މަސްލަހަތު ކަންތައްތައް ބެލެހެއްޓުމަށްޓަކައި ފުލުހުންގެ ވަރުގަދަ ސެކިއުރިޓީއެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ފުލުހުންގެ ސީނިއާ އޮފިސަރު ދައްތާތުރޭ ނަލަވާޑޭ މައުލޫމާތު ދެއްވި ގޮތުގައި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އަދި އިހުތިޖާޖުކުރާ ދަރިވަރުންގެ މައްސަލަތަކަށް އަލިއަޅުވާލައި، ދެފަރާތަށް އެއްބަސްވެވޭފަދަ ހައްލެއް ހޯދުމަށްޓަކައި އައިއައިޓީ އެޑްމިނިސްޓްރޭޝަނުން ދަރިވަރުންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.













