މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން އިތުރުވަމުންދާތީ، އެކަމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުމާއި ރޯގާ އަދި ބޭރަށްހިންގުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިއީ ސްކޫލް ބަންދު ދުވަސްވަރަށް ވުމާއެކު، ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ދަތުރުފަތުރު ކުރުމާއި، ގޭގެއަށް ޒިޔާރަތްކުރުން ފަދަ ކަންކަން އިތުރުވާނެ ދުވަސްވަރެއް ކަމަށްވާތީ، ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ފެންވަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.
ހުމާއި ރޯގާއިން ރައްކާތެރިވުމަށް އާންމުން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކުގެ ތެރޭގައި؛
- ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާވާނޭހެން ޓިޝޫ ނުވަތަ އުޅަންބޮށި ބޭނުންކުރުން.
- ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތްދޮވުން.
- ރޯގާގެ އަލާމާތެއް ހުރިނަމަ، އަނގައާއި ނޭފަތް ނިވާވާނޭހެން ރަނގަޅަށް މާސްކު އެޅުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
- އާންމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން.
- މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިން ނުގެންދިއުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
- ބަލީގެ އަލާމާތެއް ހުރެއްޖެނަމަ ގިނައިން ދިޔާއެއްޗެހި ބޭނުންކުރުން.
މީގެ އިތުރުން، ބަލިވެއްޖެނަމަ ޕެރެސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށާއި، ހުން އައިސްގެން ތިން ދުވަހަށްވުރެ އިތުރުވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.
ބޭރަށްހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށްޓަކައި ސާފު ބޯފެން ބޭނުންކުރުމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ކެއުމުގެ އިތުރުން ރޯކޮށް ކާ ތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށްހިންގުން ޖެހިއްޖެނަމަ، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓާއި ގިނައިން ދިޔާއެއްޗެހި ބޭނުންކުރުމަށާއި، ދިޔާއެއްޗެހި ބޭނުން ނުކުރެވޭނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.













