ޕީއެންއެފުން މީހުން ކަނޑައި ޕީއެންސީއަށް މެންބަރުން ވެއްދުމުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރެއް އޮތްކަމަށް ބުނެ ޕީއެންއެފްގެ ރައީސް، ރައީސް ޔާމީން ދައްކަވަމުން ގެންދަވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި އެމަނިކުފާނު ހައްދަވަނީ އިތުރުފުޅެއް ކަމަށް ޕީއެންސީގެ ނައިބްރައީސް އަދި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ޕީއެންސީގެ މެންބަރޝިޕް ޑްރައިވް ކުރިއަށްދަނީ ވަކި މުއްދަތެއް ނެތި، ޕާޓީގެ ސިޔާސަތުތަކާއި ތަސައްވުރު ޕްރޮމޯޓްކޮށްގެން މެންބަރުން އިތުރުކުރުމުގެ ކެމްޕެއިނެއްގެ ގޮތުން ކަމަށެވެ. މި ޕާޓީގައި ތިއްބަވާނީ ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ޕާޓީއަށް އިޚްލާޞްތެރި މެންބަރުން ކަމަށާއި، ޕީއެންއެފްގެ އެއްވެސް މެންބަރަކަށް ނުފޫޒު ފޯރުވައިގެން ޕީއެންސީއަށް ވެއްދިފައި ނުވާނެ ކަމަށް ވެސް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި އެފަދަ އެއްވެސް ނުފޫޒެއްގެ އަމަލެއް އެ ޕާޓީން ނުހިންގާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރައީސް ޔާމީނަށް މިހާރު ލިބެމުންދާ ކެއްސަކީ އެމްޑީޕީއާއެކު ސިޔާސީ އެއްދާންކޮށްގެން ލިބިވަޑައިގެންނެވި ކެއްސެއް ކަމަށް ޝުޖާއު ސިފަކުރެއްވިއެވެ. އެ ޕާޓީގެ މެންބަރުން ޕާޓީ ދޫކޮށް ކެނޑެން ފަށާފައިވަނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.
PNF އިން މީހުން ކަނޑައި PNC އަށް އެމެމްބަރުން ވެއްދުމުގައި @ElectionsMv ގެ ދައުރުއޮތްކަމަށް ބުނެ PNF ގެ ރައީސް،ރައީސް ޔާމީން ހައްދަވަނީ އިތުރުފުޅެއްކަމުގައި ދަންނަވަން.
PNC ގެ މެމްބަރޝިޕް ޑްރައިވަކީ ވަކިމުއްދަތެއް ނެތި ޕާޓީގެ ސިޔާސަތާއި ތަސައްވުރު ޕްރޮމޯޓްކޮށްގެން ހިންގޭ…— Ibrahim Shujau (@IbrahimShujaau) September 18, 2026
ރައީސް ޔާމީންގެ އަރިހުގައި ތިއްބެވީ ސިޔާސީ މަސައްކަތްކުރެއްވުމުގައި މުރާލި ބޭފުޅުން ނޫން ކަމަށާއި، މުޅިންވެސް ތިއްބެވީ ބޮޑާ، ކިބުރުވެރި އަދި ރައްޔިތުންނާ ބީރައްޓެހި ބޭފުޅުން ކަމަށް ވެސް ޝުޖާއު ތުހުމަތުކުރެއްވިއެވެ.
ހަގީގީ ސިޔާސީ މަސައްކަތް ކުރެއްވޭނީ ރައީސް ޑރ. މުޢިއްޒު ފަދަ ހިތްވަރުފުޅު ގަދަ، މުރާލި ވެރިންނަށް ކަމަށް ވިދާޅުވަމުން، އޭނާ ވަނީ ރައީސް މުޢިއްޒުގެ ސިޔާސީ ހިންގުންތެރިކަމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.













