ކުރީގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލްގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު އިއްޔެ ދައްކާފައިވަނީ އާންމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖަމާކުރާ ޑޮލަރުން ނޫން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފިއެވެ.
އެސްބީއައި މެދުވެރިކޮށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން އެ ލޯނުގެ ފުރަތަމަ 50 މިލިއަން ޑޮލަރު 2024 ވަނަ އަހަރު ދެއްކިއިރު، ދެވަނަ ބައި ދެއްކީ މިދިޔަ މެއި މަހު ކަމަށާއި، އަދި އިއްޔެ ދެއްކީ އެ ލޯނުން ބާކީ އޮތް ފަހު 50 މިލިއަން ޑޮލަރު ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.
އެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން އެ ޓީ-ބިލް ފުރިހަމައަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށާއި، މިދިޔަ މެއި މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އެ ތާރީޚަށް އެ ފައިސާ ދައްކަވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
އެ ޓީ-ބިލުގެ އަސާސީ އަދަދު ނުވަތަ ޕްރިންސިޕަލް ދިވެހި ސަރުކާރުން ދެއްކި ނަމަވެސް، އެކަމަށް އެރި އިންޓްރެސްޓުގެ ފައިސާ ދައްކާފައިވަނީ އިންޑިއާ ސަރުކާރުން ކަމަށާއި، އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި އިންޓްރެސްޓުގެ ގޮތުގައި އެރި 43 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ދައްކައިދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.













