ސިޓިންރޫމުގައި ދެލޯ މަރައިގެން ތިބޭ ބަޔަކަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ނުފެންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ވާދަވެރި ސިޔާސީ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތަކަށް އިޚްލާޞްތެރިކަމާއެކު އެއްބާރުލުން ދިނުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ޒިންމާއަށް އެއްވެސް މެންބަރަކު އިހުމާލުނުވުމަށް އިލްތިމާސް ކުރައްވާފައެވެ.
ސިޓިންރޫމުގައި ދެލޯ މަރައިގެންތިބޭ ބަޔަކަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކެއް ނުފެންނާނެ: އަބްދުއްރަހީމް pic.twitter.com/3OBT4y6a4t
— Mariyam Shiuna (@shiuna_m) September 18, 2026
އަބްދުއްރަހީމް ވިދާޅުވީ، ކާމިޔާބު ކޮންގްރެސްއެއް ނިންމާލީ އާ ފެށުމަކާއެކު ކަމަށާއި، އެ ފެށުމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ފެށުން ކަމަށެވެ. އަދި ދިވެހި ގައުމުގެ މާދަމާ ބިނާކުރުމަށާއި، ދިވެހީންގެ ރާއްޖެއެއް ދިވެހީންނަށް ހޯދައިދިނުމަށް މުޅި ޕާޓީން އިޤްރާރުވެފައިވާކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒުގެ ސިޔާސަތުތައް ތަންފީޛުކުރުމުގައި އެހީތެރިވެ މަދަދުވެރިވުމަކީ އެންމެންގެ ބޮޑު ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރައީސް މުޢިއްޒު ދައްކަވާ ނަމޫނާއާ އެއްގޮތަށް ރައްޔިތުންނާ ހަމައަށް ތިރިވެގެން ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ސިޔާސީ ކަންކަމުގައި ބޮޑާކަމާއި ކިބުރުވެރިކަމުން އެއްވެސް ކަމެއް ހާސިލުނުވާނެ ކަމަށާއި، ކާމިޔާބީ ގުޅިފައިވަނީ އުފަންވި އާއިލާއަކަށް ނޫން ކަމަށާއި، އެއީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ތިން މަސްތެރޭ ގައުމު ބަނގުރޫޓުވާނެ ކަމަށް ވާދަވެރިން ބުނަމުންދިޔަ ނަމަވެސް، ރައީސް މުޢިއްޒުގެ ހިކުމަތްތެރިކަމާއެކު ދަރަނިތައް ދައްކަވައި ގައުމު ސަލާމަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެއްފަހަރާ 900 މިލިއަން ޑޮލަރު ދެއްކެވުމުގެ އިތުރުން، އިއްޔެ އެކަނިވެސް 50 މިލިއަން ޑޮލަރު ދައްކަވާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ވާދަވެރިންގެ ފާޑުކިޔުންތަކަށާއި ޖެއްސުންތަކަށް ބިރުގަނެގެން ތިބެވެން ނެތްކަން ފާހަގަކުރައްވައި، ރަށަށް އެނބުރި ދިއުމަށްފަހު ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންނާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ގުޅިގެން ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ މަސައްކަތް ވަރުގަދައަށް ފެށުމަށް އަބްދުއްރަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.













