ސަރުކާރުގެ ވަޒީފާތަކުގައި ތބި، ވެރިކަންކުރާ ޕީއެންސީ ޕާޓީއަށް ނިސްބަތްނުވާ އެއްވެސް މުވައްޒަފަކަށް ސިޔާސީ ސަބަބުތަކާހުރެ އެއްވެސް ބިރެއް، ގެއްލުމެއް ނުވަތަ އަނިޔާއެއް ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ދެއްވައިފިއެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގެ ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ކުރީގެ އެމްޑީޕީ ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާތަކަށް ވައްދާފައިވި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އެ ޢަދަދާ ގާތްކުރާ މިންވަރަކަށްވެސް އަދި މުވައްޒަފުން އައްޔަންކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން މިހާރުވެސް ސަރުކާރުގެ އެކި މަޤާމުތަކުގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް ބަޔަކު ތިބޭނެ ކަމަށާއި، އެއިން އެއްވެސް ފަރާތަކަށް ސިޔާސީ ބަދުނާމު އަޅުވައި ވަޒީފާއިން ވަކިކޮށް އަނިޔާވެރިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު މެންބަރުންނަށް ކަންކަން އޮޅުންއަރާގޮތަށް ބައެއް ނޫސްތަކާއި ސިޔާސީ ފަރާތްތަކުން ވާހަކަދައްކާތީ، މިފަދަ ކަންކަމުގައި ވާހަކަދައްކަންޖެހޭ ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ. އަދި ރައީސް މުޢިއްޒަކީ ޕާޓީގެ އެއްވެސް މެންބަރެއް ބާކީނުކޮށް، ކޮންމެ ބޭފުޅެއްގެވެސް ޚިދުމަތް އެންމެ އިޚްލާޞްތެރިކަމާއެކު ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރައްވާ ވެރިއެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި ކޮންގްރެސްގެ ތެރެއިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕީއެންސީގެ ޓިކެޓް ރައީސް މުޢިއްޒަށް އެރުވުމަށް އެއްބަސްވެ، ކުއްލި ޤަރާރެއް ފާސްކޮށްފައިވާ ކަމަށާއި، މިއީ ޤައުމުގެ ތަރައްޤީއަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމުނު ނިންމުމެއް ކަމަށް ފަލާޙް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ޕާޓީ ބައިބައިކުރުމަށް ދައްކާ ވާހަކަތަކާއިޖަހާ މަޅިތަކުގައި މެންބަރުން ނުޖެހުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.













