މާލޭގެ ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަތަކުގެ ތެރެއަށް މީހަކު ވެއްޓި، ތާށިވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިން ގޮތުގައި، ސްކޭޓް ޕާކު ސަރަހައްދު ތޮށިގަނޑު ހިލަތަކުގެ ތެރޭގައި މީހަކު ތާށިވެފައި އޮތްކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 18 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 17:16 އެހާކަންހާއިރުއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެ މީހާ ސަލާމަތްކުރުމުގެ މަސައްކަތުގައި ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ގުޅިގެން ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. އަދި ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުން އެ މީހާ ހިލަތަކުގެ ތެރެއިން ނެރެ، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
މި ހާދިސާގައި އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެ މީހާ ތޮށިގަނޑު ހިލަތަކުގެ ތެރެއަށް ވެއްޓެން ދިމާވި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.













