ހިންދޫ ދީން ދޫކޮށް އަމިއްލަ އިޚްތިޔާރުގައި އިސްލާމްދީން ޤަބޫލުކުރި 31 އަހަރުގެ ފިރިހެނަކު، އޭނާގެ ޢާއިލާއިން ގަދަކަމުން ގޭގައި ބަންދުކޮށްފައި ހުރުމުން، އޭނާ ވަގުތުން ދޫކޮށްލުމަށް އިންޑިއާގެ އައްލަހާބާދު ހައިކޯޓުން އަމުރުކޮށްފިއެވެ.
ބުދަ ދުވަހު ޖަސްޓިސް ސަންދީޕް ޖެއިން ނެރުއްވި މި އަމުރުގައި ކަނޑައަޅާފައިވަނީ، ބޮޑުވެފައިވާ މީހަކު އޭނާގެ އަމިއްލަ އިޚްތިޔާރުގައި ދީނެއް ޚިޔާރުކުރުމާއި، ކައިވެނިކުރާނެ މީހަކު ކަނޑައެޅުމަކީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤެއް ކަމަށެވެ. އަދި ޢާއިލާއިން އެކަމާ ނުރުހުނު ކަމުގައިވިޔަސް، އެ ޙައްޤަށް ހުރަސްނޭޅޭނެކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ފާމަސީ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ އާޔޫޝް މަލިކް (މިހާރުގެ ނަމުންނަމަ މުޙައްމަދު ޢަލީ) ކޯޓަށް ހާޒިރުކުރުމަށްފަހު، އޭނާ ބުނެފައިވަނީ ޖޫން މަހުގެ 4 ވަނަ ދުވަހުން ފެށިގެން އޭނާގެ ބައްޕަ އޭނާއަށް ބިރުދައްކައި، ގޭގައި ޣައިރު ޤާނޫނީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
ކޯޓުގައި ވާހަކަދައްކަމުން މުޙައްމަދު ޢަލީ ވަނީ، އޭނާ އިސްލާމްދީން ޤަބޫލުކުރީ 2014 ވަނަ އަހަރު އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، އެއީ އެއްވެސް މީހަކު މަޖުބޫރުކޮށްގެން ނުވަތަ ބިރުދައްކައިގެން ކުރި ކަމެއް ނޫންކަން ކަށަވަރުކޮށްދީފައެވެ. އަދި އޭނާ ބޭނުންވަނީ ޗާންދްނީ ޤުރައިޝީ، އޭނާގެ ޢާއިލާއިން ދޮގު ބަޔާނުގެ މައްޗަށް މައްސަލަ ޖައްސައިގެން އިންޑިއާ ފުލުހުން ހައްޔަރުކޮށްފައިވާ އޭނާގެ މުސްލިމް އަނބިމީހާއާއެކު އުޅެން ކަމަށްވެސް ބުންޏެވެ.
މުޙައްމަދު ޢަލީގެ ހިންދޫ ބައްޕަ ވަނީ އުއްތަރް ޕްރަދޭޝްގެ ދީން ބަދަލުކުރުން މަނާކުރާ ޤާނޫނުގެ ދަށުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެވެ. އޭނާ ތުހުމަތުކުރި ގޮތުގައި މަލިކްގެ ސިކުނޑި ދޮވެލީ އަންހެންކުއްޖާގެ ޢާއިލާއިން އެމީހުންގެ މުދާގަނޑު އަތުލުމަށެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާ ފުލުހުން ވަނީ ޗާންދްނީ ޤުރައިޝީ އާއި އޭނާގެ ބައްޕަ ހައްޔަރުކޮށްފައެވެ. މިއީ ޢާއިލީ މައްސަލަތަކުގައި، ވަކީން ޚާއްޞަކޮށް ބީޖޭޕީ ވެރިކަމުގައި މުސްލިމުންނަށް އަމާޒުކޮށް ޤާނޫނު ހަދައި އޭގެ ބޭނުންކުރާ ގޮތް ހާމަވެގެންދިޔަ ކަމެކެވެ.
ޖަސްޓިސް ސަންދީޕް ޖެއިން ނިންމި ގޮތުގައި، މަލިކަކީ ބޮޑުވެފައިވާ ހަމަބުއްދި ހުރި މީހަކަށްވުމާއެކު، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން އޭނާއަށް ލިބިގެންވެއެވެ.
ބައްޕައެއްގެ ހައިސިއްޔަތުން ކަންބޮޑުވުމަކީ މައްސަލައެއް ނޫންކަމަށް ކޯޓުން ބުނި ނަމަވެސް، ބޮޑުވެފައިވާ މީހަކު އަމިއްލަ އިޚްތިޔާރުގައި ނިންމާ ނިންމުމަކަށް، ޢާއިލާ މީހުން ނުރުހުނު ކަމުގައިވިޔަސް ހުރަސްނޭޅޭނެކަމަށް ކޯޓުން ވަނީ ސާފުކޮށްދީފައެވެ.













