ނިމިދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި ދަރަނި އަދާކުރުމަށް ދައުލަތުން ކުރި މުޅި ހޭދައަށްވުރެ ބޮޑު އަދަދެއް، މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި އެކަނިވެސް ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ވެރިކަންކުރާ ޕީއެންސީން ބޭއްވި ”މަތީ މަޖިލިސް“ ބައްދަލުވުމުގައި ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތަށް ލިބޭ ބޭރު ފައިސާގެ ރިޒާވުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ގައުމުގެ ދަރަނިތައް ދެއްކުމަށާއި ތެޔޮ އިމްޕޯޓް ކުރުމަށް ކަމަށެވެ. އެގޮތުން 2015 އިން ފެށިގެން 2023 އާ ހަމައަށް ދައްކަންޖެހުނު ޖުމްލަ ދަރަންޏާ އެއްވަރުގެ ބޮޑު އަދަދެއް މިއަހަރުގެ މިހާތަނަށް ދައްކަންޖެހުމަކީ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މާލީ ގޮންޖެހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދަރަނީގެ ބުރަ ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ސަރުކާރުން އިންޑިއާއިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ އެންމެ ފަހު އަދާކުރަންޖެހޭ ފައިސާ ދައްކައި މިހާރު ވަނީ ނިންމާލެވިފައެވެ.
މިނިސްޓަރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި 2020 ވަނަ އަހަރާ ހަމައަށް ދަރަނި ދެއްކުމަށް ހޭދަކުރަންޖެހުނީ ނިސްބަތުން ކުޑަ އަދަދެއް ނަމަވެސް، ކޮވިޑް-19 ގެ އާލަމީ ވަބާއަށްފަހު އެ އަދަދުތައް ވަރަށް ބޮޑަށް މަތިވެގެންދިޔައެވެ. އަދި ފާއިތުވި އަހަރާއި މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑެތި ލޯނުތައް އަނބުރާ ދައްކަންޖެހުނު ދުވަސްވަރު ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ހޭދައަށް ބަލާއިރު، 2022 ވަނަ އަހަރު ރެކޯޑު އަދަދެއް ކަމަށްވާ 831 މިލިއަން ޑޮލަރު ހޭދަވި ނަމަވެސް، ޖެހިގެން އައި އަހަރުތަކުގައި 700 މިލިއަން ޑޮލަރަށްވުރެ މަތީގައި ހުރުމަށްފަހު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 683 މިލިއަން ޑޮލަރަށް ކުޑަކުރެވިފައެވެ.
މި އަހަރުގެ ތެރޭގައި 10 ބިލިއަން ރުފިޔާގެ ދަރަނި އަދާކޮށްފައިވީ ނަމަވެސް، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިރުޝާދާ އެއްގޮތަށް ޚަރަދުތައް ކުޑަކޮށް، ކުރިއަށް ހުރި ބޮޑެތި ލޯނުތައް ދެއްކުމަށްޓަކައި ސަރުކާރުން އަންނަނީ އިސްލާހީ މާލީ ފިޔަވަޅުތައް އަޅަމުންނެވެ.















ދަައުލަތުގެ ދަރަނި މިހާރު ހުރީ ކިތައް ބިލިއަންތޯ ?????????