ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ ބައިޓްޑާންސްގެ ބާނީ ޖަންގް ޔީމިންގްގެ މިލްކިއްޔާތު 105.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރައި، އޭނާ އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަޤާމަށް އަރައިފިއެވެ.
ބްލޫމްބާގުން ބްލެކްރޮކް، ފިޑެލިޓީ އިންވެސްޓްމަންޓްސް އަދި ޓީ. ރޯވް ޕްރައިސް ފަދަ އިންވެސްޓްމަންޓް ފާމްތަކުގެ އެންމެ ފަހުގެ ވެލުއޭޝަންތައް ދިރާސާކުރުމަށްފަހު ހާމަކޮށްފައިވާ ގޮތުގައި، ޗައިނާއަށް ނިސްބަތްވާ މި ބިލިއަނަރުގެ މިލްކިއްޔާތަށް މި މަހުގެ ތެރޭގައި އެކަނިވެސް ވަނީ 12 ބިލިއަން ޑޮލަރަށްވުރެ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މި ކުރިއެރުމާއެކު ބްލޫމްބާގް ބިލިއަނެއަރސް އިންޑެކްސްގައި ޖަންގް ވަނީ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ގޯތަމް އަދާނީއަށް ވުރެ ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު (0.7 އިންސައްތަ) ގެ ކުރިއެރުމެއް ހޯދާފައެވެ. ބަނދަރުތަކާއި، އެއަރޕޯޓްތަކާއި، ހަކަތައިގެ އިތުރުން ޓްރާންސްމިޝަންގެ ދާއިރާގައި ހަރަކާތްތެރިވާ އަދާނީ ގްރޫޕްގެ ބާނީގެ މިލްކިއްޔާތު ފާއިތުވި މަސްތަކުގައި ވަނީ ދަށަށް ގޮސްފައެވެ. މިގޮތަށް ދިމާވީ އެމްއެސްސީއައި އިންޑެކްސްގެ ސްޓޮކްތައް ރީބެލެންސް ކުރުމާއި، ހިއްސާގެ ބާޒާރުގައި ޢާންމުކޮށް އައި ވެއްޓުމެއްގެ ސަބަބުންނެވެ. މިދިޔަ ޖޫން މަހު އިންޑިއާގެ މި މަހުޖަނުގެ މިލްކިއްޔާތު 120 ބިލިއަން ޑޮލަރަށްވެސް އަރާފައިވެއެވެ.
އޭޝިއާގެ އެންމެ މުއްސަނދި 5 މީހުންގެ ލިސްޓަށް ބަލާއިރު، މިހާރު ދެވަނައިގައި 104.8 ބިލިއަން ޑޮލަރާއެކު އިންޑިއާގެ ގޯތަމް އަދާނީ އޮތްއިރު، ތިންވަނައިގައި އޮތީ 81.3 ބިލިއަން ޑޮލަރާއެކު އިންޑިއާގެ މުކޭޝް އަމްބާނީއެވެ. ހަތަރުވަނައިގައި ޖަޕާނުގެ ރީޓެއިލް ވިޔަފާރިވެރިޔާ ތަދާޝީ ޔަނާއީ 63.7 ބިލިއަން ޑޮލަރާއެކު އޮތްއިރު، ފަސްވަނައިގައި އޮތީ 59.1 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު ޗައިނާގެ ޖޮންގް ޝަންޝަންއެވެ.
2019 ވަނަ އަހަރު 13 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު މި އިންޑެކްސްއިން ފުރަތަމަ ފަހަރަށް ޖަގަ ހޯދި ޖަންގްގެ މުއްސަނދިކަން އޭގެ ފަހުން ވަނީ 90 ބިލިއަން ޑޮލަރަށްވުރެ ބޮޑުތަން އިތުރުވެފައެވެ. މީގެ ތެރޭގައި މިއަހަރުގެ މިހާތަނަށް ލިބުނު 40 ބިލިއަން ޑޮލަރުގެ ފައިދާވެސް ހިމެނެއެވެ. 2024 ވަނަ އަހަރުގެ ޤާނޫނީ ލިޔެކިޔުންތަކުން ދައްކާގޮތުގައި 2012 ވަނަ އަހަރު ބެއިޖިންގްގެ އާދައިގެ 4 ކޮޓަރީގެ އެޕާޓްމަންޓެއްގައި ފެށި ބައިޓްޑާންސް ކުންފުނީގެ 21 އިންސައްތަ ހިއްސާ އޮންނަނީ ޖަންގްގެ އަތުގައެވެ.
ބައިޓްޑާންސްއަށް އެންމެ ފުރަތަމަ މަޝްހޫރުކަން ލިބުނީ ”ތޯތިއާއޯ“ ކިޔާ ނިއުސް އެގްރިގޭޓާއަކުންނެވެ. އޭގެ ފަހުން ”ޑޯޔިން“ ގެ ނަމުގައި ކުރު ވީޑިއޯ އެޕްލިކޭޝަނެއް އުފައްދައި، ފަހުން ބައިނަލްއަޤްވާމީ ފެންވަރުގައި ”ޓިކްޓޮކް“ ގެ ނަމުގައި އެ އެޕްލިކޭޝަން ވަނީ ތަޢާރަފުކޮށްފައެވެ. މިހާރު އެ ކުންފުނި ވަނީ އީ-ކޮމާސް، ތަޢުލީމު، ގޭމިންގް އަދި ޚަބަރު ފަތުރާ ބޮޑު އިންޓަނެޓް ވިޔަފާރިއަކަށް ފުޅާވެފައެވެ.
”ގްލޯބަލް ޓައިމްސް“ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު ބައިޓްޑާންސްއަށް ސާފު ފައިދާގެ ގޮތުގައި 42 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މުޅި ދުނިޔެއިން އާމްދަނީގެ ގޮތުގައި 200 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ފައިދާގެ ގޮތުން 27 އިންސައްތަ އަދި އާމްދަނީގެ ގޮތުން 29 އިންސައްތައިގެ ކުރިއެރުމެކެވެ.
ޖަންގްއަށް ލިބުނު މި ބޮޑު ކުރިއެރުމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއަށް އަންނަމުންދާ ބޮޑު ކުރިއެރުމުގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ބޮޑެތި ބިލިއަނަރުންގެ މުއްސަނދިކަމާ ވާދަކުރެވޭ ފަދަ އާ ބިލިއަނަރުން އުފެދެމުންދާކަން އަންގައިދޭ ކަމެކެވެ. ބައިޓްޑާންސްއިން ވަނީ ”ޑޯބާއޯ“ އޭއައި ޗެޓްބޮޓް އަދި ”ސީޑާންސް“ ވީޑިއޯ-ޖެނެރޭޝަން ޓޫލް ފަދަ އޭއައި އުފެއްދުންތައް ބާޒާރަށް ނެރެފައެވެ. އަދި ވާދަވެރިންނާ އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެ ކުންފުނިން ދަނީ މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުންނެވެ.
”ދަ ވޯލް ސްޓްރީޓް ޖަރނަލް“ އިން މަޢުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބޮޑެތި ބޭންކުތަކެއް ގުޅިގެން މި މަހުގެ ކުރީކޮޅު ވަނީ ބައިޓްޑާންސްގެ އޭއައި ރިސާޗް އަދި ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ހިމެނޭގޮތަށް ކުންފުނީގެ އާންމު ބޭނުންތަކަށް 29.6 ބިލިއަން ޑޮލަރުގެ ލޯނެއް ދޫކުރުމަށް އެއްބަސްވެފައެވެ.
އެ ކުންފުނީގެ އެންމެ ފަހުގެ އޭއައި މަސައްކަތްތަކުގެ ތެރެއިން، އޭއައި ބޭނުންކޮށްގެން ބޭސް ހޯދުމުގެ މަސައްކަތްކުރާ، ކުންފުނިން ވަކިކޮށްފައިވާ ޔުނިޓެއް ކަމަށްވާ ”އެނިއު ލެބްސް“ އިން ވަނީ މިދިޔަ ބުދަ ދުވަހު 290 މިލިއަން ޑޮލަރުގެ ފަންޑްރައިޒިންގް ރައުންޑެއް ފުރިހަމަކޮށްފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޭރުގެ ފަރާތްތަކުން ފުރަތަމަ ފަހަރަށް ފަންޑު ހޯދުމަށްފަހު މި ޔުނިޓުގެ އަގު ވަނީ 1.5 ބިލިއަން ޑޮލަރަށް އަރާފައެވެ. ނަމަވެސް މި ފަންޑްރައިޒިންގއަށްފަހުވެސް އެ ކުންފުނީގެ 56 އިންސައްތަ ހިއްސާ އޮންނާނީ ބައިޓްޑާންސްގެ އަތުގައެވެ.












