ޗައިނާ އެކަޑަމީ އޮފް ސައިންސަސްގެ ދިރާސާކުރާ ފަރާތްތަކަކުން އުފައްދާފައިވާ ކުންފުންޏަކުން، ދުނިޔޭގެ އެންމެ ކުޑަ ކަމަށް އެމީހުން ބުނާ 6 ކިލޯގެ ސީޓީ ސްކޭނަރެއް އުފައްދައިފިއެވެ. މިއީ ކުދި އެއްޗެހީގެ އެތެރެ ބެލުމަށް ފަރުމާކޮށްފައިވާ އުފުލައިގުޅޭ (ޕޯޓަބަލް) ޑިވައިސްއެކެވެ.
’އެކްސްޓޯމޯ-ކިއުބް‘ ގެ ނަމުން ނަންދީފައިވާ މި ޑިވައިސް އުފައްދާފައިވަނީ ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގެ ޖިނާންގައި ހުންނަ ’ރޭޔިމް‘ ކިޔާ ކުންފުންޏަކުންނެވެ. ޓެކް ނޫހެއް ކަމަށްވާ ’އައިޓީ ހޯމް‘ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކުންފުންޏަކީ ޗައިނާ އެކަޑަމީގެ އިންސްޓިޓިއުޓް އޮފް ހައި އެނާޖީ ފިޒިކްސްގެ ރިސާޗް ޓީމަކުން އުފައްދާފައިވާ ކުންފުންޏެކެވެ.
މި ޑިވައިސްގެ ބޮޑުމިނުގައި ހުންނަނީ 14 * 13.2 * 22 ސެންޓިމީޓަރެވެ. މިއީ ގާތްގަނޑަކަށް އާދައިގެ ޑެސްކްޓޮޕް ސްޕީކަރަކާ އެއްވަރުގެ ސައިޒެކެވެ.
”މި ޑިވައިސް އެއް އަތުން ހިފަހައްޓާލެވޭނެ. މިއީ ދުނިޔޭގެ އެންމެ ކުޑަ އަދި އެންމެ ލުއި ސީޓީ ސިސްޓަމް،“ ސެޕްޓެމްބަރު 14 ވަނަ ދުވަހު ’ސައިންސް އެންޑް ޓެކްނޮލޮޖީ ޑެއިލީ‘ އަށް މައުލޫމާތު ދެއްވަމުން ރޭޔިމްގެ ޖެނެރަލް މެނޭޖަރު އަދި އެ އިންސްޓިޓިއުޓްގެ ޕްރޮފެސަރު ފެންވަރުގެ ސީނިއާ އިންޖިނިއަރު ލިއު ބާއޮޑޮންގް ވިދާޅުވިއެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ ކުރިން ދުނިޔޭގެ އެންމެ ކުޑަ ސީޓީ ސިސްޓަމްގެ ގޮތުގައި އޮތީ ޖަރުމަނުވިލާތުން އުފައްދާފައިވާ 19 ކިލޯގެ ސިސްޓަމެކެވެ.
ލިއު ވިދާޅުވި ގޮތުގައި މި ސްކޭނަރުން ކުކުޅު ކަށި، ފިނިހަކަ ބޮލި އަދި ބޭސް ކެޕްސޫލް ފަދަ ތަކެތީގެ އެތެރޭގެ ތްރީޑީ އޮނިގަނޑު 80 މައިކްރޯމީޓަރުގެ ރިޒޮލިއުޝަނެއްގައި ކުރަހައިދޭނެއެވެ. މިއީ ގާތްގަނޑަކަށް އިންސާނެއްގެ އިސްތަށީގެ ފުޅާމިނެވެ.
އައިޓީ ހޯމް އިން ބުނެފައިވާ ގޮތުގައި މީގެ ސްކޭނިންގ ފީލްޑްގެ ފުޅާމިނުގައި 16 މިލިމީޓަރު ހުރެއެވެ. އަދި މީގެ ލުއިކަމުގެ ސަބަބުން، އާސާރީ ތަންތަން ކޮނުމުގެ މަސައްކަތްތަކާއި ޖިއޮލޮޖިކަލް ސާވޭތައް ކުރާ ސައިޓުތަކަށް ގެންގޮސްގެން ބޭނުންކުރުމަށް މިއީ ވަރަށް އެކަށީގެންވާ ޑިވައިސްއެކެވެ.
ލިއު ވިދާޅުވި ގޮތުގައި މި މެޝިނަށް ބޭނުންވަނީ އެންމެ 200 ވޮޓްގެ ކަރަންޓެވެ. އެހެންކަމުން އާދައިގެ ޕޯޓަބަލް ޕަވަރ ސަޕްލައިއެއް ބޭނުންކޮށްގެން ބޭރު ތެރޭގައިވެސް މިއީ ބޭނުންކުރެވޭނެ އެއްޗެކެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މީގެ އެކްސް-ރޭ ސޯސް، ރޮޓޭޓިންގ ސްޓޭޖް، ޑިޓެކްޓަރ އަދި ސޮފްޓްވެއަރ އަކީވެސް ޗައިނާގެ އަމިއްލަ އުފެއްދުންތަކެވެ.
”ކާރަށްވުރެ ގިނަ ވައްތަރުގެ ސީޓީ ސްކޭނަރުތައް ހުރޭ، ސްޕޯޓްސް ކާރުން ފެށިގެން ޓްރަކާ ހަމައަށް. މިއީ ސީޓީގެ މިނީ ކާރު. މިއީ ހުރިހާ އެއްޗެއް ސްކޭންކުރަން އުޅޭ އެއްޗެއް ނޫން. މީގެ އަމާޒަކީ ކުދި އެއްޗެހީގެ އެތެރެ ސާފުކޮށް ބެލުން،“ ލިއު ވިދާޅުވިއެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ ޑެއިލީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސްކޭނަރުގެ ރޯ އިމޭޖިންގ ޑޭޓާ އާންމުކޮށް ބޭނުންކުރާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ. މީގެ ސަބަބުން، އިމޭޖް ރީކޮންސްޓްރަކްޝަން އެލްގޮރިދަމްތައް ތަރައްޤީކުރުމަށާއި އޭއައި މޮޑެލްތައް ޓްރެއިން ކުރުމަށް ދިރާސާކުރާ ފަރާތްތަކަށް މި ޑޭޓާ ބޭނުންކުރެވޭނެއެވެ.
ކޮމްޕިއުޓެޑް ޓޮމޮގްރަފީގެ ކުރު ނަމެއްގެ ގޮތުގައި ބޭނުންކުރާ ’ސީޓީ‘ އަކީ އެކި ދިމަދިމާލުން ނަގާ އެކްސް-ރޭ ތައް ގުޅުވައިލައިގެން އެއްޗެއްގެ އެތެރެ ފެންނާނެހެން ކްރޮސް-ސެކްޝަނަލް މަންޒަރުތަކެއް އުފައްދައިދޭ ނިޒާމެކެވެ. އާންމުކޮށް ހޮސްޕިޓަލުތަކުގައި ބޭނުންކުރާ ސީޓީ މެޝިނެއްގެ ހަމައެކަނި ސްކޭނިންގ ޔުނިޓެއްގެ ބަރުދަނުގައިވެސް އެއް މެޓްރިކް ޓަނަށްވުރެ ގިނައިން ހުރެއެވެ.













