މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު އޭގެ ސަބަބުން އެކަށީގެންވާ މުސާރައެއް ބޮޑުނުވެ ނުވަތަ ގެއަށް ގެންދާ މިންވަރު މަދުވި މުވައްޒަފުންގެ މައްސަލަތައް ޚާއްސަ އިސްކަމެއްދީގެން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގެ ހަވަނަ އެޕިސޯޑުގައި އައިޖީއެމްއެޗްގައި 31 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ މުވައްޒަފަކު ވަނީ އޭނާގެ މުސާރައަށް އެކަށީގެންވާ ބޮޑުވުމެއް އައިސްފައިނުވާތީ އެކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާކުރައްވާފައެވެ. އެ ޝަކުވާއާ ގުޅިގެން ރައީސް ވިދާޅުވީ، ޕޭ ކޮމިޝަނާ މަޝްވަރާކުރައްވާފައިވާނެ ކަމަށާއި، އެއްވެސް މުވައްޒަފަކު ގެއަށް ގެންދާ އެއްޗެއް ކުރިއަށްވުރެ ކުޑަވެގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ހުރިހާ މުވައްޒަފުންގެ މައްސަލަތައް ބަލައި، ވައުދުވެފައިވާ ގޮތަށް މުސާރަ ބޮޑުވާނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރުން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުތަކަކީ ދައުލަތުގެ މުވައްޒަފުންގެ މާލީ ހާލަތު ރަނގަޅުކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ޕޭ ހާމަނައިޒޭޝަންގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މީގެ ކުރިން ދައުލަތުގެ އެކި އިދާރާތަކުގެ މުސާރައިގެ އޮނިގަނޑުގައި ހުރި ބޮޑެތި ފަރަގުތައް ކުޑަކޮށް، އިންސާފުވެރި ހަމައަކަށް މުސާރަތައް ގެނައުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
މި ބައްދަލުވުމުގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާ ގުޅޭގޮތުން ވެސް ރައީސް ވާހަކަދެއްކެވިއެވެ. ޚާއްސަކޮށް ފްލެޓާއި ގޯތި ދިނުމުގެ ކަންކަމުގައި އެއްވެސް ބޭއިންސާފެއް ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، މިހާރު ކުރިއަށްދާ ޗެކް ކުރުމުގެ މަރުހަލާގައި މައްސަލައެއް އުޅޭނަމަ އެކަން ރިޕޯޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.












