Sunday, 20 September 2026

Ads by

(ކަވަރ ފޮޓޯ: އެކިއެމްވީ)

ތާރީޚުގެ ތެރެއިން އަޅުގަނޑުމެން ޖެހިލާނީ 1862 ވަނަ އަހަރު ޢުޘްމާނީ ޚިލާފަތުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށެއްގެ ފަޤީރު ގެއަކަށް ފިރިހެން ކުއްޖަކު އުފަންވީ ވަޤުތަށެވެ. މި ކުއްޖާގެ ޢުމުރުން 16 އަހަރުގައި އޭނާގެ ބައްޕަ ނިޔާވުމަށްފަހު، އެރަށުގެ ޝެއިޚެއްގެ ބެލެހެއްޓެވުމާއި ތަރުބިއްޔަތުގެ މަތީގައި މިޒުވާނާ ބޮޑުވަމުން އައެވެ.

މިޒުވާނާ އޭނާގެ ދިރިއުޅުން ބައްޓަންކުރީ، ރޭގަނޑުގެ ފަހުދަމުގައި ތެދުވެ ޤިޔާމުއްލައިލް ކުރުމާއި ފަތިސްވަންދެން ޤުރުއާން ކިޔެވުމުގައި ހޭދަކުރުމަށްޓަކައި، ކޮންމެ ރެއަކު 3 ގަޑިއިރަށްވުރެ އިތުރަށް ނުނިދުމުގެ މައްޗަށެވެ. (ހުރިހާ ޢިލްމުވެރިންވެސް އެބޭފުޅުންގެ ދިރިއުޅުއްވުން ފެއްޓެވި ބީދައިން) ޤުރުއާން ހިތުދަސްކުރުމަށްފަހު، ޙަޔާތުގެ ތަކުލީފުތަކަށް ފަރުވާލެއްނެތި، ކޮންމެ ހަތް ދުވަހަކުން އެ ޤުރުއާން މުރާޖަޢާކޮށް ހެދިއެވެ.

އޭނާ ވެގެންދިޔައީ ހިތްވަރުގަދަކަމާއި ޙިކުމަތްތެރިކަމަށް މަޝްހޫރު ނަމޫނާއަކަށެވެ. މިކަން ފާހަގަވެގެން ދިޔައީ އޭނާގެ ޒުވާން އުމުރުގައި ޤާފިލާއެއްގައި ސޫދާނަށް ދިޔަ ދަތުރުމަތީގައެވެ. އެހިސާބުގައި އުޅޭ ސިންގާއެއްގެ ސަބަބުން ވަކި މަގަކުން ދަތުރުކުރުން މީސްތަކުންނަށް ދަތިވެފައި ވިއެވެ. މި ސިންގާގެ ބިރަށް ޤާފިލާތައް އެމަގުން ދަތުރުނުކޮށް އެނބުރިދެއެވެ. ނުވަތަ މި ސިންގާގެ އުނދަގޫ ނުޖެހި އެމަގުން ދިޔުމަށްޓަކައި އޭތި މަޝްޣޫލު ކުރުމަށް ޤާފިލާތަކުގެ މީހުން އެމީހުންގެ އެންމެ އަގުހުރި މުދަލުގެ ތެރެއިން ޖަމަލެއް އެ ސިންގާ ޝިކާރަ ކުރުމަށް ދީ ހަދައެވެ. މި ސިންގާގެ ވާހަކަ އެ ދަތުރުމަތީގައި މިޒުވާނާއަށް އެނގުމުން، މިމުޞީބާތުން މީސްތަކުން ސަލާމަތް ކޮށްދިނުމުގެ ޒިންމާ ކޮނޑުއެޅިއެވެ. އެ ޤާފިލާގެ އެހެންމީހުން ފަދައިން ޙާލަތަށް ނެގިމަޑުވެފައި ނުހުރެ، އޭނާގެ ބަޑިހިފައިގެން އަހުގައި އެ ސިންގާގެ ފަހަތުން ދިޔައެވެ. މިޒުވާނާ އެއްކަލަ ސިންގާގެ ބޮލާއިގެން އެނބުރި އައީ މީސްތަކުން ޙައިރާން ކޮށްލައި، އެމީހުންގެ ޝުކުރު އޭނާއަށް ޙައްޤުވާނޭ ފަދައިންނެވެ. މީގެ ސަބަބުން އޭނާއަށް ”ސިރެނައިކާގެ ސިންގާ“ ގެ ލަޤަބު ދެވިގެން ދިޔައެވެ.

ހިތްވަރުގަދަ ކަމާއި، ޙައްޤު ޢަޤީދާގެ މަތީ ދެވުނު ތަރުބިއްޔަތުގެ ހެޔޮ އަސަރު އޭނާގެ ކިބައިން ވަރުގަދައަށް ފާޅުވޭވޭ ހުއްޓެވެ. އޭނާގެ ޝަޚްސިއްޔަތުން އިންޤިލާބު ގެނުވާނީ ހަމައެކަނި އޭނާގެ ޤަބީލާއާއި ޤައުމަށާއި ރައްޔިތުންނަކަށް ނޫނެވެ. އެކަމަކު އިސްތިޢުމާރުތަކަށް ނިމުންއައި ޒަމާނުގެ މުޅި އިސްލާމީ ދުނިޔެއަށެވެ.

އޭނާގެ އުމުރުން ފަންސަވީސް އަހަރުން މަތީގެ ދުވަސްވަރުގައި، އޭނާގެ އުމުރާ ނުބައްދަލު ހަރުދަނާކަމާއި ބުއްދިވެރިކަމަށް މަޝްހޫރު ވެގެން ދިޔައެވެ. ޤަބީލާތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި އޭނާ އިސްދައުރެއް އަދާކުރިއެވެ. އޭނާ ހުންނަ ކޮންމެ ރަށެއް ނުވަތަ ސަރަޙައްދެއްގައި ވީނަމަވެސް، މީސްތަކުން އޭނާގެ ބަސް އަހައި، އޭނާގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބަމުންދިޔައެވެ. އޭނާއަކީ މާތް އަޚްލާޤެއްގެ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު، ވާހަކަދެއްކުންތެރިކަމުގެ ހުނަރު ލިބިފައިވީ، ބަސްމަގު ސީދާ، އަދި އަޑުއަހާ މީހުން ބަލައިގަންނަ ފަދަ ޝަޚްޞިއްޔަތެކެވެ. މި ޚާއްޞަ ސިފަތަކުގެ ސަބަބުން ޤަބީލާތައް އެއްބައިވަންތަކޮށް، އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ލަޝްކަރުތައް ތަރުތީބުކުރުމަށް އޭނާއަށް މަގުފަހިވެގެންދިޔައެވެ.
އޭނާގެ އުމުރުން ތިރީހުގެ އަހަރުތަކާ ބައްދަލުކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްތިޢުމާރީ ވަބާ ފެތުރެން ފެށި ދުވަސްވަރާއެވެ. ވިލާތުގެ ޤައުމުތަކުން ދުނިޔެ ސުންނާފަތިކުރަމުން ދިޔަ އެ ނާޒުކު ދަނޑިވަޅުގައި، އޭނާ ސާބިތުކަމާއެކު އިސްލާމްދީނުގެ ދިފާޢުގައި ތެދުވެ، އޭނާގެ ހިތްވަރުގަދަކަމާއެކު އިސްތިޢުމާރީ ބާރުތަކާ ކުރިމަތިލިއެވެ. ފަހުން ’ސަނޫސީން’ގެ ނަމުން މަޝްހޫރުވި ’ބަނޫ ސަނޫސް‘ ޖަމާޢަތާއެކު އޭނާ ފަރަންސޭސިންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމަތަކެއް ކުރިއެވެ. މީގެ އިތުރުން، ދަހިވެތިކަމާއެކު އެ ބިންތައް ފަތަޙަކުރަން މަސައްކަތްކުރި އިނގިރޭސިންނާ ދެކޮޅަށްވެސް ކުރު މުއްދަތަކަށް އޭނާ ހަނގުރާމަ ކުރިއެވެ.

ދުނިޔޭގެ ”ނާތަހުޒީބު“ ކަމަށް ބުނާ ޤައުމުތަކުގެ މައްޗަށް ޔޫރަޕުން ޖާފަތްކުރަން އެރިއެރުމުގައި، އިޓަލީވިލާތުން ވަނީ އުތުރު އެފްރިކާ އިސްތިއުމާރުކޮށް، ދެކުނު ތަނޑި ސުންނާފަތިކޮށްފައެވެ. މިދުވަސްވަރަކީ، އުމުރުން ފަންސާސް އަހަރުގެ މި މީހާ، އޭނާގެ އުފަން ބިން ކަމުގައިވާ ލީބިޔާއަށް ކާފަރުން އަތްގަދަކުރުން ހުއްޓުވުމަށްޓަކައި، ލަޝްކަރުތައް އެއްކުރި ދުވަސްވަރެވެ.

އޭނާގެ ލަޝްކަރު މައިތިރިކުރުމަށްޓަކައި އިޓަލީވިލާތުން އޭނާއަށް ހުށަހެޅީ މަތީ މަޤާމުތަކާއި މުއްސަނދިކަމެވެ. ބަދަލުގައި އެމީހުން އެދިގަތީ އޭނާ އަމާންދީ، އެމީހުންގެ އިސްތިޢުމާރަށް ބޯލެނބުމަށެވެ. އޭނާގެ ޖަވާބަކަށްވީ މި މަޝްހޫރު ބަސްކޮޅެވެ. ”އަހަންނަކީ ހިތަށްއެރި މީހަކު ސުވާޖަހައި ކައި ދިރުވައިލާން އޮތް ފޮނި ކާއެއްޗެއް ނޫން. އަހަރެންގެ ޢަޤީދާ އާއި ޚިޔާލު ބަދަލުކުރަން އެވެރިން ކިތަންމެ ދުވަހަކު މަސައްކަތް ކުރިޔަސް الله އެމީހުން މާޔޫސްކުރައްވާނެ.“ މިއެވެ.

ދެން އެމީހުން މަސައްކަތްކުރީ މަހު މުސާރައަކާއެކު، ވެރިކަންކުރާ ޕާޓީގެ ގާތުގައި ފަސޭހައިގައި އުޅެން އުފަން ރަށުން ފުރައިގެން ދިއުމަށް ހުށަހެޅުމަށެވެ. ނަމަވެސް އޭނާ އަނެއްކާވެސް މިހެންބުނެ ދެކޮޅުހެދިއެވެ. ”ނޫން، އަހަރެންގެ ވެރިފަރާތާ ބައްދަލުވާންދެން އަހަރެންގެ ބިމުން ނުފިލާނަން. މަރަކީ އެހެން ކޮންމެ ކަމަކަށްވުރެ އަހަންނާ ގާތް އެއްޗެއް. އަހަރެން ކޮންމެ މިނިޓަކު އިންތިޒާރުކުރަމުން މިދަނީ އެކަމަށް.“

މިމީހާގެ އުމުރުން ހަތްދިހައިން މައްޗަށް ގޮސްފައިވުން އެއީ އޭނާ ހަނގުރާމަ ކުރުމަށް އޮތް ހުރަހެއް ކަމުގައި ނުހެދިއެވެ. އޭނާވީ، ނާދިރުކަމުގެ އިންތިހާގައިވެސް، އޭނާގެ ޤައުމުގެ މީހުން ދުޝްމަނުންނާ ދެކޮޅަށް ނިކުތުމުގެ ރޫޙު ކަމުގައެވެ. އެމީހުންނަށްވުރެ ހާސްގުނަ ބޮޑު، ޒަމާނީ ހަތިޔާރާއި މަތިންދާބޯޓާއި، ހަތިޔާރު ގުދަންތަކުގެ ވެރި ލަޝްކަރުތައް ދުޝްމިނުންނަށް ލިބިގެން ވީހިނދު، އޭނާއާއި އޭނާގެ މީހުން ފަރުބަދަތަކުގައި ބަނޑުހައިހޫނުކަމާއިއެކު އެމީހުންގެ އަސްތަކާއި ރައިފަލުތައް ނޫން އެހެން އެއްޗެއް ނެތި ވީޙާލުވެސް އޭނާގެ ރައްޔިތުންގެ އުއްމީދު އާލާކުރުވިއެވެ. އުއްމަތް އަބަދުމެ ތަބާވުމަށް އެދިގޮވާފަދަ ޘާބިތު ޝަޚުސިއްޔަތަކަށް އޭނާ ވީކަމުން، އޭނާގެ ފަހަތަށް މީސްތަކުން ޖަމާވިއެވެ. އޭނާ ކާމިޔާބުކަމާއެކު އިޓަލީ ސިފައިންނަށް ގެއްލުންދެނިވި ޙަމަލާތައް ދޭން ފެށިއެވެ. މުސްލިމުންގެ ބިންތައް ފޭރިގަނެ، ތުރާކޮށް، ޖަލަށްލައި އަނިޔާކުރުމަކީ ފެންމެޓަލެއްކަމަށް ހީކުރި މީހުންނަށް ޙަމަލާދިނީ ޘާބިތުކަމާއި، އަވަސްކަމާއި ގަދަފަދަކަމާއިއެކުއެވެ.

އޭނާ އެންމެ ދެކުނުގައި ޖިހާދު ކުރަމުން ދިޔައިރު ޖާލޫ ސަރަޙައްދަށް ނިސްބަތްވާ، އުމުރުން ނުވަދިހަ އަހަރުގެ އަބޫ ކަރަޔިމް ކިޔާ މީހަކު އޭނާއާއެކު ހަނގުރާމަކޮށްފައިވެއެވެ. ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ތެރޭގައި އެންމެ ފަހުން އޭނާގެ ރައްޔިތުން ނައްތާލެވުނީއެވެ. އިޓަލީ މީހުން ހަލުއިކަމާއެކު އެމީހުންގެ އަނިޔާވެރިކަން އާ ހަރުފަތަކަށް ގެންގޮސް އަވަށްތައް އަންދައި ލޫޓުވަން ފެށިއެވެ. އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނަށްވެސް ރަޙުމު ކުރުމެއް ނެތިއެވެ. އަދި ރައްޔިތުން ނިކަމެތިކަމުގެ އިންތިހާއަށް ވެއްޓުނު ދުވަސްވަރު އެމީހުން އެއްކޮށް ކޮންސެންޓްރޭޝަން ކޭމްޕްތަކަށް އަޅައިލިއެވެ.

އޭނާ އާއިއެކު އެއްފަހަރަކު ފަރަންސޭސީންނާ ދެކޮޅަށް ހަނގުރާމަކުރި ސަނޫސީއެއް ކަމަށްވާ މުޙައްމަދު އައް-ޒަވޭ، ފަރަންސޭސިންނާ ދެކޮޅަށް ހަނގުރާމަކުރި ބާކީ ތިބި މީހުންނާއެކު މިޞްރަށް ފިލައިގެން ދިޔުމަށް އޭނާއަށް ވިސްނައިދިނުމަށް މަސައްކަތް ކުރިއެވެ. އެކަމަކު، މި ފަހުލަވާނު ދުޝްމަނުންނަށް ފުރަގަސްދޭން ދެކޮޅު ހެދީ، ކޮންމެ މިނެޓަކާއެކު
އިތުރަށް ފުފެމުން ދިޔަ ބާރަކާ ދެކޮޅަށް އޭނާގެ ފުރުސަތުތައް ހަނިވެފައިވާކަން ރަނގަޅަށް އެނގިހުރެއެވެ.

އޭނާ ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދަނީ ކީއްވެތޯ ސުވާލު ކުރެވުމުން، އޭނާގެ ޖަވާބަކަށްވީ، އޭނާގެ ހަނގުރާމައަކީ ދީނުގެ ދިފާޢުގައި ކުރެވޭ ހަނގުރާމައެއް ކަމަށާއި، އޭނާގެ މަޤުޞަދަކީ ދުޝްމަނުން އަތްގަދަކޮށްގެން ހިފާފައިވާ ބިންތައް އަނބުރާ ހޯދުން ނޫން އެހެން ކަމެއް ނޫން ކަމަށެވެ. ހަނގުރާމަކުރުމާ ބެހޭ ގޮތުން އޭނާގެ ބަހަކީ، ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައި ވިޔަސް، އެކަމަކީ ފަރުޟެއް ކަމުގައެވެ. އެހެނީ ކާމިޔާބީ ލިބެނީ الله ގެ ޙަޟްރަތުން ކަމަށް ވާތީއެވެ. އިސްތިޢުމާރީންނާއެކު ސުލްޙައިގެ އެއްވެސް ވާހަކައެއް ދެއްކުމަށް އޭނާ ދެކޮޅު ހެދީ، އަހަރެމެންގެ ބިންތަކަށް ވެރިވެގެންތިބި الله ގެ ދުޝްމަނުންނާ ހަނގުރާމަކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް ބުނެއެވެ.

ގުނައިލަން ނުކުޅަދާނަ އެތައް ކުރިމަތިލުން ތަކަކަށް ފަހު އޭނާ ޒަޚަމްވެ ދިރިހުއްޓާ އަތުލައިގަނެވުނެވެ. އޭނާއާއި އޭނާގެ އެކުވެރީންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ޝަހީދުވާންދެން ދުޝްމަނުންގެ ކިބައިން ދިފާޢުވަމުން ދިޔައެވެ. އެންމެ ފަހު ވަޤުތާ ޖެހެންދެނެވެ.

އޭނާ ސަވާރުވެ އިން އަހަށް ބަޑިޖަހައި މަރާލުމުން އޭނާ ބިންމައްޗަށް ވެއްޓުނީއެވެ. ދުޝްމަނުން އޭނާގައި ހިލިހިލާޖަހައި، އިޓަލީގެ އަސްކަރީ މަޤާމު ހަދާފައިވާ ސުލޫޤް އޭ ކިޔާ ރަށަށް ގެންދިޔައެވެ.

މި މީހާ ޤަބޫލުކުރީ، އޭނާގެ ވަޒަނަށް އިސްތިޢުމާރީން ވެރިވެފައި ވާހައި ހިނދަކު، ކޮންމެ ޤާބިލު މުސްލިމެއްގެ މައްޗަށް ޖިހާދު ފަރުޟު ވެފައި ވާކަމަށެވެ. އޭނާގެ އީމާންތެރިކަމާއި، ފަންވަރާއި ބިރުކުޑަކަމާ ހެދި ދުޝްމަނުންގެ އިޙުތިރާމުވެސް އޭނާއަށް ލިބިގެން ދިޔައެވެ.

އޭނާއާއި ސުވާލުކުރި އަސްކަރީ އޮފިސަރު ބުނެފައިވެއެވެ. ”އަހަރެންގެ އޮފީހަށް އޭނާ ގެނެވުނު ހިނދު އަހަރެން ތަސައްވަރު ކޮށްގެން އިނީ ސަހަރާގެ ހަނގުރާމަތަކުގައި އަހަރެމެންނާ ކުރިމަތިލި ހާސް މުރާބިޠުން ފަދަ މީހަކު ފެންނާނެ ކަމަށެވެ. އޭނާ އައީ ހިލިހިލާއިން އޭނާގެ އަތް ބަނދެވި، އަދި ހަނގުރާމައިގެ ސަބަބުން އޭނާގެ ކަށިތައް ފުނޑި، ކިރިޔާ ހިނގައިގަނެވޭ ޙާލުއެވެ. އެނާއާ އަޅާކިޔޭވަރު މީހެއް ނެތެވެ. އެހެނަސް އޭނާ އަތުލައިގަނެވުނީތީވެ، އެކަމުގެ އަސަރު އޭނާގެ މޫނުން ފެންނަން ހުއްޓެވެ. އަހަރެމެން ސުވާލު ކުރަމުން ދިޔައިރު އޭނާ އަހަރެންގެ އޮފީހުގައި ކޮޅަށް ހުއްޓެވެ. އޭނާ ޖަވާބު ދެމުން ދިޔައީ މަޑުމައިތިރިކަމާއި ސާފުކަން އެކުލެވޭ ޘާބިތު އަޑަކުންނެވެ. އޭނާ ނިކުންނަން ތައްޔާރުވީ ހިނދު، އިރުގެ އަލިފަދައިން އޭނާގެ މޫނުގައި ނޫރެއް ވީތީ އަހަރެން ޙައިރާންވެ ހިތް ތެޅިގަތެވެ. ވާހަކަ ނިންމާލައި، އޭނާގެ މައްޗަށް ޙުކުމްކުރުމަށް ހަވީރު ކޯޓަށް ގެންދަންދެން އަނބުރާ ގޮޅިއަށް ގެންދިއުމަށް އަމުރުކުރިއިރު އަހަރެންގެ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ.“

އޭނާއަކީ، އޭނާގެ ޤައުމުގެ ވެރިން (މިއަދުވެސް ފެންނަމުންދާ ކަންކަން ފަދައިން) އިޓަލީގެ އިސްތިއުމާރީ ބާރުތަކަށް ކިޔަމަންތެރިވެ ޤައުމު ދޫކޮށް ދިޔަ ދަނޑިވަޅުގައި، ދީނުގެ މަތީގައި ސާބިތުވެ ހުރި ޝަޚްސިއްޔަތެކެވެ. އޭނާއާއެކު މީގެ ކުރިން ފަރަންސޭސިންނާއި އިނގިރޭސިންނާ ދެކޮޅަށް ހަނގުރާމަކުރި ސަނޫސީންގެ ބޮޑެތި ޢިލްމުވެރިންނަށްވެސް، އެންމެ ނާޒުކު ވަގުތުގައި އޭނާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދެވުނެވެ. އޭގެ ބަދަލުގައި، އޭގެ ތެރެއިން ގިނަ ބަޔަކު އިޓަލީގެ ބާރުތަކަށް ވަފާތެރިވެ، މައާފުލިބުމާއި، މަހު މުސާރައާއި، ޓެކުހުން ސަލާމަތްވުމުގެ ބަދަލުގައި މުސްލިމުންގެ ބިންތައް ދޫކޮށްލިއެވެ. މިއަދުގެ މުސްލިމުންގެ ޙާލަތަކީވެސް މިއީއެވެ.

ނަމަވެސް، މި މަތިވެރި ޝަޚްޞިއްޔަތު އިޚްތިޔާރުކުރީ މިއާ މުޅިން ތަފާތު މަގެކެވެ. އޭނާ ކީރިތި ޤުރްއާން ނަގައި، އެ ފޮތުގައި ހިފަހައްޓައިގެން ހުރެ، ނަސްރު ލިބެންދެން ނުވަތަ ޝަހީދުވަންދެން، އެކަނިމާއެކަނި ނަމަވެސް އަނިޔާވެރި އިސްތިޢުމާރީންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ﷲ ގަންދީ ހުވާކުރިއެވެ. އޭނާގެ ޙަޔާތުގެ ފަހު ވިހި އަހަރުގެ ތެރޭގައި، 1000 އަށްވުރެ ގިނަ ހަނގުރާމައިގައި އިސްކޮށް އުޅެ، ޢަމަލީގޮތުން ބައިވެރިވިއެވެ.

އިޓަލީގެ ޖެނެރަލް އޭނާއަށް ފަހުގެ ހުށަހެޅުމެއް ހުށަހެޅިއެވެ. އެއީ އެމީހުންގެ ގޮނޑިކޮއްކޮއަކަށްވެ ޤައުމުގެ އެހެން ވެރިން ފަދައިން އުޅުމުގެ ފުރުސަތު ދިނުމެވެ. އެ ހިނދު އޭނާގެ ޖަވާބަކަށްވީ، ”ކަލޭމެން އަހަރެންގެ ގައުމުން ފައިބަންދެން، ނުވަތަ އަހަރެންގެ ފުރާނަ ދަންދެން، ކަލޭމެންނާއި ކަލޭމެންގެ މީހުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް އަހަރެން ހުއްޓައެއް ނުލާނަމެވެ. އަދި މީސްތަކުންގެ ހިތްތަކުގައިވާ ކަންތައްތައް ދެނެވޮޑިގެންވާ ފަރާތް ގަންދީ ހުވާކުރަމެވެ. އަހަރެންގެ މި މުސްކުޅިކަމާއި މބަލިކަށި ކަމާއި އެކުގައިމެ، މިވަގުތުވެސް އަހަރެންގެ ދެއަތް ބަނދެވިފައި ނެތްނަމަ، ހުސްއަތާވެސް ކަލޭމެންނާ ހަނގުރާމަކުރީމުހެވެ.“

އެ ހިނދު އިޓަލީގެ ޖެނެރަލް މަލާމާތުގެ ހިނިގަނޑެއް ޖަހައި، ދުނިޔެއަށް ދެއްކުމުގެ ގޮތުން ބޭއްވި ދޮގު ޝަރީއަތަކަށްފަހު އޭނާ ދަންޖެއްސުމަށް އަމުރުކުރިއެވެ. ޝަރީއަތް ފެށުމުގެ މާ ކުރިންވެސް، ކޯޓު އިމާރާތުގެ ބޭރުގައި އޭނާގެ އިންތިޒާރީގައި ދަންމަޅި އޮތީ ތައްޔާރުކުރެވިފައެވެ.

1931 ވަނަ އަހަރު، ސަތޭކަޔަށްވުރެ ގިނަ ޤަބީލާތަކުގެ ކުރިމަތީގައި އޭނާ ދަންޖައްސާ މަރާލެވުނެވެ. އިޓަލީގެ އިސްތިޢުމާރީ ބާރުތަކުން މިކަން މިގޮތަށް ކުރީ މުސްލިމުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމުގެ ނިޔަތުގައެވެ. ނަމަވެސް އެމީހުންގެ އެ މަޤްޞަދެއް ހާސިލެއް ނުވިއެވެ. ކަންތައް ވެގެންދިޔައީ އޭގެ ދިމާ އިދިކޮޅަށެވެ. އޭނާ ދަންޖެއްސުމުން މުޅި އިސްލާމީ އުންމަތަށް ބޮޑު ސިހުމެއް ލިބި، ވަކިން ޚާއްސަކޮށް އުތުރު އެފްރިކާގައި އިސްތިޢުމާރީންނާ ދެކޮޅަށް ވަރުގަދަ ޙަރަކާތްތަކެއް ފެށިގެންދިޔައެވެ.

މާތްﷲ ސުވަރުގޭގައި އޭނާގެ ދަރަޖަ މަތިވެރިކުރައްވާށިއެވެ.

އިޓަލީގެ ސިފައިން، އޭނާގެ ގައިގައި ކަސްތޮޅު އަޅުވައި ފޮޓޯ ނެގިއެވެ. އެ ފޮޓޯތަކުގައި އޭނާގެ ވަށައިގެން ހިނިތުންވެގެން ތިބި އިޓަލީގެ ޖެނެރަލުންނާއި އޭނާ ދަންޖެއްސުމާއިމެދު އުފާފާޅުކުރާ މީހުން ތިބޫއެވެ. ނަމަވެސް، އެމީހުންނަށް ނޭނގުނު ކަމަކީ، ﷲގެ މަގުގައި ޖިހާދުކުރާ ޙާލު ދުޝްމަނުންގެ އަތްދަށުން އޭނާގެ ކަރުގައި އެޅުވުނު އެ މަޅިގަނޑާއި އެ ކަސްތޮޅުތަކަކީ ކޮންމެ ތެދުވެރި މުސްލިމަކު އެކަމަކަށް ހިތުގެ އެންމެ ފުނުން އެދޭނޭ ޝަރަފުގެ މެޑަލްތައް ކަމެވެ.

އެ މީހެއްގެ ހައްޔަރީ ފޮޓޯއިން އޭނާގެ މަތިވެރި ތަރިކަ ބަޔާންކޮށްދިން މީހަކީ ޢުމަރުލް މުޚްތާރު ނޫން ދެވަނަ އެހެން ފަރާތެއް ނޫނެވެ. އިން ޝާ ﷲ، ޤިޔާމަތާ ޖެހެންދެންވެސް އޭނާގެ ނަން ދިރިގެންވާނެއެވެ. އޭނާގެ ލެއިން އޭނާ ވަނީ ނަޞްރާއި ފަތަޙައިގެ ދާސްތާނުތައް ކުރަހައިދީފައެވެ. އޭނާ ވެގެންދިޔައީ ބަތަލުންގެ ތެރެއިންވެސް އަރާހުރި ބަތަލަކަށެވެ. އަދި ނިކަމެތިކަމާއި ދަށްކޮށްލުމުގެ ޒަމާނެއްގައިވެސް ޢިއްޒަތާއި ޝަރަފުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ހުރި ނަމޫނާއަކަށެވެ.

އޭނާގެ ޒަމާނުގައި އިސްތިޢުމާރީ ބާރުތަކަށް ބޯލަނބައިގެން ތިބި މޮޑަނިސްޓުންނާއި ޙަޤީޤަތް އޮޅުވާލި ޢިލްމުވެރިންނެއް ހައްޔަރެއް ނުކުރެވެއެވެ. އަދި ދަންޖައްސައެއްވެސް ނުމެލެވެއެވެ. އެމީހުން މަރުވެގެންދިޔައީ އާދައިގެ މަރަކުން، ފަހަރުގައި އިޓަލީގެ އިސްތިޢުމާރީންގެ ޙިމާޔަތުގައި، މުއްސަނދިކަމާއި އަރާމުގެ ތެރޭގައި ތިބެއެވެ. ނަމަވެސް، އެމީހުން މަރުވުމާއެކު އެމީހުންގެ ނަންތައްވެސް ފަނޑުވެގެން ހިނގައްޖެއެވެ. މުސްލިމުން ދޫކޮށް ކާފިރު އިސްތިޢުމާރީންނާ ބައިވެރިވާ މީހުންގެ މަންޒިލަކީ ނަރަކައެވެ. ޢުމަރުލް މުޚްތާރު ދުނިޔޭގައި އުޅުއްވީ ޖިހާދުގެ މަތިވެރި މަސައްކަތުގައެވެ. އޭނާ ކަސްތޮޅު އެޅުވުނެވެ؛ ހައްޔަރުކުރެވުނެވެ؛ އަދި ދަންޖައްސާ މަރާލެވުނެވެ. ނަމަވެސް އޭނާގެ ޛިކުރާ ދިރިގެންވެއެވެ. އަދި އިރާދަކުރެއްވިއްޔާ، ޝަހީދުންގެ ނިމުމަކީ ސުވަރުގެއެވެ.

ޢުމަރުލް މުޚްތާރަކީ ﷲ ގެ ޙަޟްރަތަށް ހިތްޖެހިފައިވީ، އެކަލާނގެއަށް ވަކީލުކޮށް، އެކަލާނގެ މިންވަރުކުރެއްވި ކޮންމެ ކަމަކަށް ފުރިހަމައަށް ރުހިގެން ހުންނެވި ބޭފުޅެކެވެ. މާތްﷲ ގެ ހަޟްރަތުގައި އޭނާގެ އެދުމަކަށްވީ ޝަހީދެއްގެ މަރު މިންވަރުކޮށްދެއްވުމަށެވެ. އިރާދަކުރެއްވިއްޔާ، އޭނާ އެވަނީ އެ މަތިވެރި ނަޞީބު ލިބިގަނެފައެވެ.

– އަބޫޖަންދަލްގެ ތަރުޖަމާއިން ނެގިފައި

(ލިޔުމުގެ އަޞްލު ލިޔުއްވީ: އަޙްމަދު ޖިބްރީލް)

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް