ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ތެރޭގައި ހިމެނޭ މެންބަރުންގެ މަޖިލީހަށް، އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.
މިއަދު ބޭއްވުނު ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި، އަންހެނުންގެ 10 ގޮނޑިއަށް ވާދަކުރެއްވި ޖުމްލަ 22 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު ތާއީދެއް ހޯއްދަވައިގެން އެއްވަނަ ކާމިޔާބު ކުރެއްވީ ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މަރްޔަމް ޝިއުނާއެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސްގެ 931 މަންދޫބުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ޝިއުނާއަކީ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައާއި ސޯޝަލް މީޑިއާގައި ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމުގައި ވަރަށް އިސްކޮށް، ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އަދި އާންމު މެންބަރުންގެ މެދުގައި މަޤްބޫލު ބޭފުޅެކެވެ.
މި އިންތިޚާބުގައި އަންހެނުންގެ ޚާއްޞަ ގޮނޑިތަކަށް އިންތިޚާބުވެވަޑައިގެންނެވި 10 ބޭފުޅުންނަކީ:
މަރްޔަމް ޝިއުނާ
ޝެރީން އަބްދުއްސަމަދު
އާއިޝަތު މުހައްމަދު
ފާތިމަތު ރުހުސާނާ
ފާތިމަތު މިޒުނާ
ފާތިމަތު މުހައްމަދު
އާސިޔަތު ރިޔާސާ
އާމިނަތު ނަމްޒާ
އާމިނަތު ޝުހުދާ
މަރްޔަމް ސާމިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަޝިޕްގެ ދަށުން ހިންގާ ޕީއެންސީގެ އެތެރޭގެ ހިންގުން ވަރުގަދަކުރުމަށްޓަކައި ބޭއްވި މި އިންތިޚާބުގައި އަންހެނުންގެ ގޮނޑިތަކުގެ އިތުރުން، ޒުވާނުންނަށް ޚާއްޞަ ގޮނޑިތަކާއި އަދި ހުރިހާ މެންބަރުންނަށް ޢާންމުކޮށް ހުޅުވާލައިގެން ހޮވާ 18 މެންބަރުންގެ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރުމުގެ ކަންކަން ވަނީ ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފައެވެ.









