ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 79،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި، މިއަހަރުގެ ނިޔަލަށް އެ އަދަދު އެއް ލައްކައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މި މޭރުމުން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕީއެންސީގައި ތިބީ ގާތްގަނޑަކަށް 3،000 އެއްހައި މެންބަރުން ކަމަށާއި، ނަމަވެސް، ވެރިކަމަށް ތިން އަހަރު ފުރެން ކައިރިވެފައިވާއިރު، އެ ޕާޓީގެ ދަފްތަރުގައި 79،364 މެންބަރުން އެބަތިބި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި މަތީ މަޖިލީހުގެ މަސައްކަތްތައް ނިމިގެންދާއިރު ޕާޓީގެ މެންބަރުންގެ އަދަދު 80،000 އަށް އަރާނެ ކަމަށެވެ. އަދި ޕާޓީގެ މައިގަނޑު އަމާޒަކީ މި ހިނގާ އަހަރު ނިމުމުގެ ކުރިން ޕީއެންސީއަކީ އެއްލައްކަ މެންބަރުން ހިމެނޭ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހެދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކާ އާންމު ރައްޔިތުން ގުޅެން ޝައުގުވެރިވާ މައިގަނޑު ސަބަބުތަކާމެދު ވިސްނާލަންޖެހޭކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ރައްޔިތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ވަނީ އެ ޕާޓީތަކުގެ ލީޑަރުންގެ ފަލްސަފާއާއި ވިސްނުމަށް ބަލައި، ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމަށް އެ ލީޑަޝިޕުން ގެންގުޅޭ ތަސައްވުރާއި ސިޔާސަތުތަކަށް އިތުބާރުކޮށްގެން ކަމަށެވެ.
”އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ ސިޔާސީ ޕާޓީއަކަށް ރައްޔިތުން ޝައުގުވެރިވެ އެ ޕާޓީއެއްގެ ދަފްތަރުގައި ހިމެނި، އެ ޕާޓީއެއްގެ މެންބަރަކަށް މިވަނީ ކޮންކޮން ސަބަބުތަކެއް އޮވެގެންތޯ. އެއްވެސް ޝައްކެއް ނެތް ސިޔާސީ ޕާޓީތަކަށް ރައްޔިތުން ވަންނަނީ އެ ޕާޓީތަކުގެ ލީޑަރުންގެ ވިސްނުމާއި ފިކުރާ ހިޔާލާ ގައުމުގެ މުސްތަގުބަލު ކަނޑައެޅުމައްޓަކައި އެ ޕާޓީގެ ލީޑަރޝިޕުން ކަނޑައަޅާ ކަންތައްތަކެއްގެ މައްޗައް ވިސްނުމަށްފަހު،“ – ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން، ރިޔާސީ އިންތިހާބުތަކުގައި ޕާޓީތަކުގެ ވެރިން ވެވަޑައިގަންނަވާ ވައުދުތަކާއި، ހުށަހަޅުއްވާ މެނިފެސްޓޯތައް ތަންފީޒުކުރުމަށް އެ ޕާޓީތަކުން ކުރާ މަސައްކަތްތައް މިއަދު ރައްޔިތުން ވަރަށް ރަނގަޅަށް ދެނެގަންނަ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. ފަލާހު އިތުރަށް ވިދާޅުވީ ގައުމުގެ ހެވާއި ލާބައަށްޓަކައި ސިޔާސީ ޕާޓީތަކުން ކުރަމުންދާ ކަންކަން ރައްޔިތުން މިއަދު ވަރަށް ގާތުން ބަލައި ވަޒަންކުރަމުންދާކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.















ހުވާ .މިބުނީ 2028 ގަ އަހަރެން އަތުން ލިބޭނެ ވޯޓެއްނޯންނާނެ ފުލެޓް ނުލިބެނީސް ޝަރުތުހަމަވެ އެކަމު ޕޮއިންޓޭ ކިޔައިގެން މަކަރުހެދހީ