ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ދިފާއީ ދާއިރާއިންނާއި އިސްލާމީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މެލޭޝިޔާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ގައުމުގެ އިންވެސްޓްމަންޓް މިނިސްޓަރު ޖުހާރީ ބިން އަބްދުލްގަނީއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް ޙަސަން ރަޝީދާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ޑިފެންސާއި އިސްލާމީ ދާއިރާއަކީ މިހާރުވެސް ދެ ގައުމުގެ ދެމެދުގައި ވަރަށް ބަދަހި ގުޅުމެއް އޮންނަ ދެ ދާއިރާއަށް ވާއިރު، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން މި ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަވެ، އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު ރަސްމީ މަޝްވަރާތަކެއް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.













