މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މިއަދު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މާލޭގެ ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ސަގާފީ ހުށަހެޅުމެއް ވަނީ ހުށަހަޅައިދީފައެވެ. އަދި އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބޮޑުވަޒީރުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އެމްއެންޑީއެފުން އެރުވި ޝަރަފްގެ ގާޑް އިންސްޕެކްޓް ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ދިވެހި ދައުލަތުގެ އިއްޒަތްތެރިން ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މަރުހަބާ ވިދާޅުވެ ތައާރަފުވެވަޑައިގެންނެވިއެވެ. އަދި މެލޭޝިއާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ ތައާރަފުކޮށްދެއްވާފައެވެ.













