ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އަދި ހުއްދަނެތި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ، މި ދެ މީހުން އަތުލައިގަނެފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރުއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ދެ މީހުންގެ ތެރެއިން އެމްޑީ މަސްއޫދު އަޙްމަދު ބަންދުކޮށްފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުއެވެ. އަދި އަބޫ ތާހިރު ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު އިތުރަށް ތަހުގީގު ކުރަމުންދާއިރު، ހައްޔަރުކުރެވުނު ދެ ބިދޭސީންނާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވީ، ހުއްދަ ނެތި ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ޓާސްކްފޯހުން ހުޅުވާލި ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް 12 މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އަދި އޭގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ އިމިގްރޭޝަން ޑިޓެންޝަނަށް ގެންގޮސްފައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.














