ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި މިރޭ އިރާކޮޅު ރާއްޖެ ވަޑައިގެންފިއެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން އޮންނާނީ މާދަމާއެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ދެ ގައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުން ވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެއެވެ.
މިއީ ނޮވެމްބަރު 2022 ގައި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.











