ދިވެހިރާއްޖޭގެ އިމާމުންނާއި ޚަޠީބުންނަށް ދިވެހިވަންތަ ސަގާފަތާއި ތާރީޚު ރަމްޒުކޮށްދޭ ޚާއްޞަ ހެދުމެއް (ޑްރެސް ކޯޑެއް) ފަރުމާކުރުމަށްޓަކައި ތާރީޚާއި ސަގާފަތުގެ ދާއިރާގެ ފަންނުވެރިންގެ އެހީތެރިކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.
ވަޒީރު މި މޭރުމުން ވިދާޅުވީ މީސްމީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޢިލްމުވެރިންނާއި ޚަޠީބުން މިހާރު އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު ޢާންމުކޮށް ތުރުކުރައްވަނީ މިޞްރާއި ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުގެ ބޭފުޅުން ބޭނުންކުރައްވާ ޒާތުގެ ހެދުންކޮޅުތައް ކަމަށެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚާއި ޤައުމީ ސަގާފަތުގެ މައްޗަށް ބިނާކޮށް، ދިވެހިވަންތަކަން ފެންނަ ފަދަ ޚާއްޞަ ފޭރާމެއް އިމާމުންނަށް ޚާއްޞަކޮށް ފަރުމާކުރެވިއްޖެނަމަ އެއީ ވަރަށް ފުރިހަމަ އަދި މުހިންމު ކަމަކަށް ވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު ޢާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއް. ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް… pic.twitter.com/2xEy9f4mWo
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 14, 2026
އެހެންކަމުން، އިމާމުވެ ނަމާދުކުރައްވާއިރު ތާކިހާކޮޅު ވެސް ހިމެނޭ ގޮތަށް ތުރުކުރައްވާނެ ދިވެހިވަންތަ ސިފަތައް އެކުލެވޭ ހެދުންކޮޅެއް ފަރުމާކުރުމަށްޓަކައި، ރާއްޖޭގެ ތާރީޚާއި ސަގާފީ ކަންކަން ދިރާސާކުރައްވާ ފަރާތްތަކާއި ފަންނުވެރިންގެ އެހީތެރިކަމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. އަދި މިފަދަ ފޭރާމެއް ފަރުމާކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމަށް ވިސްނަވާ ކަމަށާއި، ފަރުމާކުރެވޭ އެފަދަ ރީތި ފޭރާމަކަށް ވުޒާރާގެ ފުރިހަމަ ތާޢީދު ލިބޭނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ވަޒީރު ޝަހީމް މި ޚިޔާލުފުޅު ފާޅުކުރެއްވި ނަމަވެސް، މިކަމާ ގުޅޭ ޢަމަލީ މަސައްކަތްތައް ރަސްމީކޮށް ފެށޭނެ ވަކި ތާރީޚެއް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.













