މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ރަސްމީ ޖެޓީ ހިމެނޭ ސަރަހައްދާއި ގްރީން ޒޯނުގައި ހުރި އެއްގަމާއި ކަނޑުގެ އުޅަނދުތައް ނަގަންޖެހޭ ވަގުތުތައް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މެލޭޝިއާގެ ބޮޑުވަޒީރު މި މަހުގެ 14 އިން 15 އަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅާ ގުޅިގެން، ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ސިޓީ ގާޑަންއާ ދެމެދުގައިވާ އެންމެހައި ކަނޑުއުޅަނދުފަހަރު މި މަހުގެ 14 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަގަންޖެހޭނެ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގާއި އަމީރު އަޙުމަދު މަގުގައި ހޮޓެލް ޖެންއާ ހަމައަށް އޮންނަ ސަރަހައްދުގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް ހަމަ އެ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ނަގައި އެ ސަރަހައްދު ހުސްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު، އޮންރަބްލް އަންވަރު އިބްރާހީމް 2026 ސެޕްޓެމްބަރު 14 އިން 15 އަށް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައިވާ އެންމެހައި ކަނޑުއުޅަނދުފަހަރު 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އަދި… pic.twitter.com/vyUqXj8Q1h
— Maldives Police (@PoliceMv) September 12, 2026
އެއްގަމާއި ކަނޑުގެ އުޅަނދުތައް ނެގުމަށް އަންގާފައިވާ މި ސަރަހައްދަކީ މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދެވެ. މީގެއިތުރުން، މި ދަތުރުފުޅުގެ ރަސްމީ ބައްދަލުކުރެއްވުންތައް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުއްވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ވާހަކަފުޅުތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އާ ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ.












