ދިވެހި ގައުމު އަބަދުވެސް ކުރިއަށްދާނީ އިސްލާމްދީނުން ލިބިދޭ ރޫހާނީ އަދި މާނަވީ ރައްކާތެރިކަމާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ އިހުތިފާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިން އިސްލާމްވުމަކީ މާތްﷲގެ އިލާހީ ރައްކާތެރިކަމާއި ރިއާޔަތްތެރިކަމުގެ ތެރެއަށް ވަނުމަށް އެކަލާނގެ ރަހުމަތް މިންވަރުކުރެއްވި މުނާސަބާކަމަށްވާތީ އެއަށްވުރެ މުހިއްމު މުނާސަބަތެއް ދިވެހި ގައުމުގެ ތާރީހުގައި ނާންނާނެ ކަމަށެވެ. .
ރައީސް ވިދާޅުވީ އިސްލާމްދީނަކީ ދުނިޔޭގައި އަދި އާހިރަތުގައިވެސް ހެޔޮކަން ލިބޭ ހަމައެކަނި މަގު ކަމަށެވެ. ރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިން ތިބީ ޝިރުކުގެ ބޯ ޖަންގަލީގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ތަނުން ނުކުމެވި، ހައްގާއި ހިދާޔަތުގެ ތަނަވަސް މައިދާނަށް ނެރެދީ އިންސާނީވަންތަކަމުގެ ހުރުމަތް ދިވެހިންނަށް ލިބުނީ އިސްލާމްދީނުގެ ސަބަބުން ކަމަށެވެ.
އޭގެ ކުރީގައި އަޅުގަނޑުމެން ތިބި ޝިރުކުގެ ބޯ ޖަންގަލިން ނުކުމެވި، ހައްގާއި ހިދާޔަތުގެ ތަނަވަސް މައިދާނަށް ނެރެދޭ އިންސާނީވަންތަކަމުގެ ހުރުމަތް ދިވެހިންނަށް ދިނީ މި މާތް ފުރުސަތު.- ރައީސް
އިސްލާމްދީނުގެ މައިގަނޑު މަގުސަދަކީ ފަސް ކަމެއް ރައްކާތެރިކޮށްދިނުން ކަމަށާއި، ކޮންމެ ތަނަކަށް އިސްލާމްދީން އަތުވެއްޖެނަމަ އެ ފަސް ކަންތައް އެތަނެއްގައި ރައްކާތެރިކުރެވި ހިމާޔަތްކުރެވިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަމަކީ ދީންކަން ފާހަގަކުރައްވައި، މާތްﷲގެ ހަޒުރަތުގައި ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމްދީން މުޖުތަމައަކަށް ގެނެސްދޭ ދެވަނަ ރައްކާތެރިކަމަކީ ފުރާނައިގެ ރައްކާތެރިކަން ކަމަށާއި ހައްގަކާ ނުލައި ފުރާނައެއް ނަގައިލުން މާތްﷲ ހަރާމްކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިސްލާމްވުމުގެ ކުރިން ރާއްޖޭގައި ދީނުގެ ނަމުގައި އިންސާނުން ގުރުބާންކުރިކަން ތާރީހުން ފެންނަން އެބައޮތް ކަމަށް ވިދާޅުވަމުން، ދިވެހި ކޮންމެ ރައްޔިތަކަށް ދިރިހުރުމުގެ ހައްގު ކަށަވަރުކޮށްދިނީ އިސްލާމްދީން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.













