ދިވެހިރާއްޖޭގައި ވަގުފު މަޝްރޫއުތައް ފުޅާކޮށް، މިސްކިތްތައް ބެލެހެއްޓުމާއި ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ”މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މި ކުންފުނި އުފައްދަވާފައިވަނީ ގާނޫނު ނަންބަރު 2023/7 (ކުންފުނީގެ ގާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/14 އިންނެވެ.
މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދީނީ އެކި ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްތައް ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުން ވެސް މި ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ހަމައެއާއެކު، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ މުއާމަލާތްތަކާއި ހަރަކާތްތައް ދެމެހެއްޓެނިވި އުސޫލަކުން ހިންގައި، އޭގެ މަންފާ ދީނީ އަދި އިޖުތިމާއީ ކަންކަމަށް ލިބިދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް މި ކުންފުނި މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
މި ކުންފުނި ވުޖޫދަށް އައުމުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ދާއިރާ އިތުރަށް ހަރުދަނާވެ، މިސްކިތްތަކާއި ވަގުފު ބިނާތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ބެލެހެއްޓުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.












