ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ދިވެހިރާއްޖެއަށް ދިން އެހީގެ ފައިސާއަށް ހިޔާނާތްތެރިވެ، އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
ފީފާއިން ހާމަކުރި ގޮތުގައި، މަނީ ލޯންޑަރިންގއާއި ހިޔާނާތް އަދި ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން ކުރިން ވަގުތީ ސަސްޕެންޝަނެއްގައި ހުރި ބައްސާމް އުމުރަށް ސަސްޕެންޑް ކުރުމުގެ އިތުރުން، އެއް މިލިއަން ސްވިސް ފްރޭންކް (1.23 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފައެވެ.
މި މައްސަލައާ ގުޅިގެން ފީފާގެ އެތިކްސް ކޮމިޓީގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައްސާމް ވަނީ، އެ އިދާރާގެ ސުލޫކީ މިންގަނޑުގެ ގިނަ މާއްދާތަކާ ހިލާފުވެފައެވެ. އޭގެ ތެރޭގައި އިއްޒަތާއި އަބުރު ރައްކާތެރިކުރުމުގެ މާއްދާއާއި، މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުމުގެ އުސޫލުތަކުގެ އިތުރުން، ކޮވިޑް-19 ގެ ކާރިސާއިން އަރައިގަތުމަށްޓަކައި ފީފާއިން ދިން އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ވެސް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން، އެފްއޭއެމްގެ ކުރީގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ޑިރެކްޓަރު މުޙައްމަދު އަޤީލް ވެސް 10 އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމަށް ފީފާއިން ވަނީ ނިންމައިފައެވެ. ފީފާގެ ފައިސާއަށް ހިޔާނާތްތެރިވުމަށް މަގުފަހިކޮށްދީ އެކަން ފޮރުވުމާއި، ފޯޖްކޮށްފައިވާ ލިޔެކިޔުންތައް ބޭނުންކުރުމުގެ އިތުރުން ތަހުގީގަށް އެއްބާރުލުން ނުދިން މައްސަލައިގައި އަގީލް ވަނީ 100،000 ސްވިސް ފްރޭންކުން (122،000 އެމެރިކާ ޑޮލަރު) ޖޫރިމަނާކޮށްފައެވެ.
ފީފާއިން އެފްއޭއެމް މެދުވެރިކޮށް ދޫކުރި ކޮވިޑް-19 ރިލީފް ފަންޑާއި ބޭރުގެ އެކި އިދާރާތަކުން ލިބުނު އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހުޅުމާލޭގެ ”އަމީން އެވެނިއު“ އިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި، ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ މައްސަލައިގައި އެ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމާއެކު، އޭނާގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. މީގެ އިތުރުން، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ވެސް ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގގެ ދައުވާ އުފުލުމަށް މިދިޔަ ޖޫން މަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.
ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ބައްސާމް، މެޑިކަލް ބޯޑުގެ ލަފާގެ މަތިން މިދިޔަ މަހު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. މީގެ ކުރިން މިދިޔަ މާރިޗު މަހު ވެސް އޭނާ ގޭބަންދަށް ބަދަލުކުރުމަށްފަހު، އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން އަލުން އަނބުރާ ޖަލަށް ބަދަލުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.













