ދިވެހިރާއްޖޭގެ އެއްބައިވަންތަކަމާއި މިނިވަންކަން ދެމިއޮތުމުގެ އަސްލަކީ އިސްލާމްދީން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ދިވެހީންނަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”އިސްލާމްދީނުގައި ސާބިތުވުން“ މި މައުޟޫޢަށެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގެ ހިދާޔަތަކީ އިންސާނުންނަށް މާތް ﷲ ދެއްވި އެންމެ މަތިވެރި ނިޢުމަތެވެ. އަދި ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ އޮންނަތާ ނުވަސަތޭކަ އަހަރު ވެފައިވާއިރު، މި ދިގު މާޒީގައި ރާއްޖެ މިނިވަންކަމާއި އެއްބައިވަންތަކަންމަތީ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
މުޖުތަމަޢުގައި އިސްލާމްދީން ދެމިއޮންނާނީ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ތަރުބިޔަތުދީ، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ދީނުގައި ކަނޑައަޅުއްވާފައިވާ ލުއިފަސޭހަ ގޮތްތަކުގައި ހިފުމަށާއި، ހަރުކަށި ފިކުރުތަކާއި، ޙުއްޖަތެއް ނެތި މީސްތަކުން ކާފަރުކުރުމާއި، މުޖުތަމަޢު ބައިބައިކޮށް ނަފުރަތު އުފެއްދުމުގެ ޢަމަލުތަކުން ދުރުހެލިވުމަށް ވެސް ނަޞޭޙަތްތެރިވިއެވެ.
މީގެއިތުރުން، ޤައުމުގައި އިސްލާމްދީން ދެމެހެއްޓުމަށްޓަކައި ޤާނޫނީ، ސިޔާސީ އަދި ތަޢުލީމީ ދާއިރާއިން މަސައްކަތްތަކެއް ކުރަންޖެހޭކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެގޮތުން އިސްލާމީ ޝަރީޢަތާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމާއި، އިސްލާމީ ޢަޤީދާ ޙިމާޔަތްކުރެވޭނޭ ގޮތަށް ތަޢުލީމީ މަންހަޖު ފަރުމާކުރުމާއި، ޤުރްއާނާ ބެހޭ މަރުކަޒުތަކާއި އިސްލާމީ ޔުނިވަރސިޓީތައް ޤާއިމުކޮށް، ޙާފިޒުންނާއި އިމާމުން ބިނާކުރުމުގެ މަޝްރޫޢުތައް އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވަނީ، ކޮންމެ ޢާއިލާއަކުން ވެސް އެ ޢާއިލާއެއްގެ ދަރިން އިސްލާމީ ރިވެތި ތަރުބިޔަތުގެ މަތީގައި ބޮޑުކުރުމަށާއި، ޤުރްއާނާއި ނަމާދަށް އަހުލުވެރިކުރުވުމަށް އިލްތިމާސްކުރައްވާފައެވެ. ސަބަބަކީ މުސްތަޤުބަލުގައި އިސްލާމްދީން ދިފާޢުކޮށް ޙިމާޔަތްކުރުމުގެ ޒިންމާ އުފުލަން އޮތީ މިއަދުގެ ޖީލު ކަމަށްވާތީއެވެ.













