ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށްވުރެ ފުރިހަމައަށް އަދި ރަނގަޅަށް ސިޔާސީ ޕާޓީއެއް ހިންގެވުމަށް މަސައްކަތްކުރެއްވި އެހެން ވެރިއަކު ފެނިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ކޮންގްރެސް ފޯރި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ކުރީގެ ސިޔާސީ ސަގާފަތާ ހިލާފަށް މިހާރު ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް ވަކި ބަޔަކު ހޮވުމަށް އެކުލަވައިލާ ލިސްޓުތައް ނޯންނާނެ ކަމަށެވެ. އަދި ކޮންމެ މެންބަރަކަށްވެސް ވާދަކުރުމާއި ކެމްޕޭންކޮށްގެން މަގާމުތަކަށް އައުމުގެ ފުރިހަމަ މިނިވަންކަން ޕީއެންސީގައި އޮތްކަން ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ޕާޓީއަށް އައިސްފައިވާ ބޮޑު ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިތި ޕާޓީގައި ތިބީ އެންމެ 3،022 މެންބަރުން ކަމަށެވެ. ނަމަވެސް، މިއަދު ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް މައްޗަށް އަރާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ވެރިކަން ކުރި އެހެން އެއްވެސް ޕާޓީއަކުން މިހާ ކުރު މުއްދަތެއްގައި ހޯދިފައިނުވާ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ އަޑު ގާތުން އައްސަވާތީ ކަމަށްވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކޮށް، ރަށްރަށުގެ ޖަގަހަތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެމުންދާކަން ހާމަކުރައްވަމުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީއެންސީގެ ޖަގަހަތައް ގާއިމުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕާޓީގެ ކޮންގްރެސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކޮންގްރެސްގެ ކުރިން ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ޕާޓީގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި ކައުންސިލަރުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ރައީސް ވަގުތު ހުސްކުރައްވާފައިވާ ކަމަށެވެ. މިއިން ދައްކުވައިދެނީ ރައްޔިތުންނާ ގާތުން، މަޝްވަރާގެ އުސޫލުން ކަންކަން ނިންމެވުމަށް ރައީސް ދެއްވާ ހާއްސަ އިސްކަން ކަމަށް ވިދާޅުވިއެވެ/














