މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ނިންމައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް (ޑެޕިއުޓީ ޗެއަރޕާސަން) މުޙައްމަދު ޝިފާޒު ވިދާޅުވީ، ކޮންގްރެސް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް، މާލޭ ސިޓީ ހޯލްގައި ކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ މަންދޫބުންގެ ތަފްސީލީ މައުލޫމާތު، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ފަހަރުގެ ކޮންގްރެސްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލުމަށެވެ. އެގޮތުން، މި ކޮންގްރެސްގެ ޝިއާރަކަށް ”ރަށްވެހި އުފެއްދުން“ ހަމަޖައްސާފައިވާކަން ޝިފާޒު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކޮންގްރެސްގެ ހަވާސާގައި ހާއްސަ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ޝިފާޒު ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ރާވާފައިވާ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދައިދިނުން ކަމަށެވެ. އަދި މިހާތަނަށް އެކި ކައުންސިލްތަކުން 74 މަޝްރޫއެއްގެ މައުލޫމާތު ޕާޓީގެ ސެކްރެޓޭރިއެޓާ ހިއްސާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”74 ޕްރޮޖެކްޓް އެމްޑީޕީގެ ސެކްޓްރިއޭޓާ ހިއްސާކޮށްފައިވޭ ކައުންސިލުތަކުން. އަޅުގަނޑުމެން ބަލަމުންދަނީ އިރާދަކުރެއްވިއްޔާ ކޮންގްރެސް ފެށެންވާއިރު 100 އަށްވުރެ ޕްރޮޖެކްޓް މި އިންވެސްޓްމަންޓް ފޯރަމުގައި ހިއްސާކުރެވޭނެ ކަމަށް.“ – ޝިފާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސް އެންމެ ފުރަތަމަ ބޭއްވުމަށް ތާވަލުކުރީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް، އެކަށީގެންވާ ތަނެއް ހަމަޖެއްސުމުގައި ދަތިތަކެއް ދިމާވި ކަމަށް ބުނެ، އެމްޑީޕީގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހަށް ފަސްކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ.













