އުރުދުންގައި ހުންނަ އެމެރިކާގެ ’މުވައްފަޤް ސަލްޓީ އެއަރ ބޭސް‘ އަށް ރޭގަނޑުގެ ވަގުތެއްގައި ދިން ވަރުގަދަ ޙަމަލާއެއްގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މެދުއިރުމަތީގެ މީޑިއާތަކާއި އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އުރުދުންގެ އަޒްރަޤް ސަރަޙައްދުގައި އޮންނަ މި ވައިގެ މަރުކަޒަކީ، ސީރިއާ އަދި އިރާޤުގައި އެމެރިކާގެ ވައިގެ ސިފައިން ހިންގާ އޮޕަރޭޝަންތަކަށް (ޑްރޯން އަދި ފައިޓަރ ޖެޓް މިޝަންތަކަށް) ބޭނުންކުރާ އެންމެ މުހިންމު އެއް މަރުކަޒެވެ.
އުޅަނދުތަކަށް ލިބުނު ގެއްލުމާއި އޮޕަރޭޝަންތަކަށް އައި ހުއްޓުން މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ހަމަލާގައި އޭ-10 މަރުކާގެ މަތިންދާބޯޓަކަށް ވަރަށް ބޮޑަށް ގެއްލުންވެ، އޭގެ އެއް ފިޔަގަނޑު ވަނީ ވަކިވެފައެވެ.
8 އެފް-15 ފައިޓަރ ޖެޓަކަށް އެކިވަރުގެ ކުދި ގެއްލުންތައް ލިބިފައިވެއެވެ. މިއީ ގޮވުމުގެ ބާރުގެ ސަބަބުން ނުވަތަ ބުރައިގެންދިޔަ އެތިކޮޅުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކެއް ކަމަށް ބެލެވޭއިރު، ޓެކްނިކަލް އިންސްޕެކްޝަންތައް ނިމެންދެން މި ބޯޓުތައް ވަނީ ވަގުތީގޮތުން ގްރައުންޑް ކުރެވިފައެވެ.
މިއީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ އެންމެ މުހިންމު އެއް މަރުކަޒެވެ. ޚާއްޞަކޮށް އިރާޤާއި ސީރިއާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާއި ޑްރޯން ހަމަލާތަކުގެ މައި ލޮޖިސްޓިކަލް ހަބަކީ މިއީއެވެ. ޒަމާނީ ރާޑަރުތަކާއި، ޕޭޓްރިއަޓް އަދި ސީ-ރޭމް ފަދަ ވައިގެ ދިފާޢީ ނިޒާމުތައް ޤާއިމުކޮށްފައިވާ، ސަލާމަތީގޮތުން ވަރުގަދަ މަރުކަޒަކަށް މިފަދަ ހަމަލާއެއް ދެވުމަކީ، އެމެރިކާގެ ދިފާޢީ ނިޒާމުތަކުގެ ޤާބިލުކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭނެ ކަމެކެވެ.












