މާލޭ ސަރަހައްދުގެ ޓްރެފިކްގެ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމުގެ ގޮތުން، ޒަމާނީ ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މުޅި ސަރުކާރުގެ އެއްބާރުލުމާއެކު ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަސައްވުރެއް ކަމަށެވެ. އެގޮތުން، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެ ހެއްކެއްގެ ގޮތުގައި މި ފަހުން ތަރައްގީކުރެވުނު މާލޭގެ ބޮޑުތަކުރުފާނު މަގަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މާލޭގެ އެހެން މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.
”އިރާދަކުރެއްވިއްޔާ، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މިއަހަރުގެ ތެރޭގައި މާލޭގެ ހުރިހާ މަގެއް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ. މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީވެގެން އަންނައިރު، ޓްރެފިކް ނިޒާމަށްވެސް އެ ފެންވަރުގެ ޒަމާނީ ހައްލުތަކެއް ގެންނަންޖެހޭ. އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، މުޅި މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމުގެ ގާނޫނީ ޖާގަ މިވަނީ ތަނަވަސްކޮށްފައި. އެއީ މި މައްސަލައަށް އޮތް އެންމެ އެކަށޭނަ ހައްލު،“ – މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، ވެހިކަލް ރަޖިސްޓްރީ ކުރުން ކޮންޓްރޯލް ކުރުމުގެ ގާނޫނު އެކުލަވާލާފައިވަނީ ވިޔަފާރިވެރިންނާއި، ކަމާގުޅުންހުރި މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ގާނޫނުގެ އެންމެ މައިގަނޑު އަސާސަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުޅި ގާނޫނު ބައްޓަންކުރެވިފައި ވަނީ ކޮންމެ ފަރުދެއްގެ ވެސް ރައްކާތެރިކަމަށް އިސްކަންދީގެން ކަމަށެވެ. އަދި މާލެ ސަރަހައްދު ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ބަދަލުވުމަކީ އުޅަނދުފަހަރު ރަޖިސްޓްރީ ނުކުރެވޭނެ ސަބަބެއް ނޫން ކަމަށާއި، އޭގެ މާނައަކީ ވަކި އުސޫލުތަކަކާއި ހަރުދަނާ މިންގަނޑުތަކެއްގެ ތެރެއިން، އިންތިޒާމުވެގެން އެކަން ކުރިއަށްދިއުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު، ހާލަތަށް ރިއާޔަތްކޮށް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތައް ވެސް ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމުގެ ފުރުސަތު މި ގާނޫނުގެ ދަށުން ތަނަވަސްވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.













