މާލެ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އުމުރު ކަނޑައަޅައި، އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް، ބާވާ އުޅަނދުތައް އެއްލައިލަން ނުޖެހޭނެ ކަމަށާއި އެ ތަކެއްޗަށް އެކަށީގެންވާ އަގެއް ނުވަތަ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދުގައި ދުއްވޭނެ އުޅަނދުތަކުގެ އުމުރު ކަނޑައެޅުމުގެ ގަވާއިދަށް އަމަލުކުރަން ފަށާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ތިން އަހަރުގެ މުއްދަތު ހަމަވުމުން ކަމަށެވެ. އަދި އެ މުއްދަތަށްފަހު ވެސް، އުޅަނދުތަކުގެ ވެރިފަރާތްތަކަށް ގެއްލުން ނުވާނެ ފަދަ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
”އެއްވެސް އުމުރަކަށް ވެހިކަލް ދިޔުމުން އެއްލައިލާކަށް ނުޖެހޭނެ. ސަރުކާރުން ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، އެ ވެހިކަލަކަށް އޭރު ދޭންޖެހޭ އަގެއްދީފަ އެ ނަގާނީ،“ – ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސިޔާސަތަކީ ރައްޔިތުންނަށް އެއްވެސް ތަކުލީފަކަށް ނުވާނޭހެން ކަންކަން ރޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހާއްސަ ވިސްނުންފުޅެކެވެ. ހާއްސަކޮށް އުޅަނދުފަހަރު ދުއްވައިގެން ކޮންމެ ދުވަހަކު އާމްދަނީ ހޯދަމުންދާ ފަރާތްތަކުގެ ހައްގުތަކާއި މަސްލަހަތު ސަރުކާރުން ފުރިހަމައަށް ހިމާޔަތްކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، އެމްޕީއެލް ސަރަހައްދުގައި ބުރަ މަސައްކަތްކުރާ މަޖޫރީންނާއި ޑްރައިވަރުންނާ ބައްދަލުކުރެއްވިކަން ހާމަކުރައްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، އެ ފަރާތްތަކުގެ ދިރިއުޅުމާއި އާމްދަނީއަށް އަސަރުކޮށް، ވަޒީފާ ގެއްލޭ ފަދަ އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށެވެ. އަދި ބާވާ އުޅަނދުތަކުގެ ބަދަލުގައި ފަސޭހަކަމާއެކު އާ އުޅަނދު ހޯދޭނެ ލުއިގޮތްތަކެއް ސަރުކާރު މެދުވެރިވެގެން ފަހިކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ސަޢީދު ވަނީ، ރައްޔިތުންގެ މިލްކިއްޔާތުގައިވާ އެއްވެސް އެއްޗެއް އަދުލުވެރި ބަދަލަކާ ނުލައި ވަކިނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ސަރުކާރުގެ ކޮންމެ ނިންމުމެއްވެސް ބިނާވެގެންދާނީ ރައްޔިތުންނަށް ލުއިފަސޭހަކަމާއި މަންފާ ލިބިދެވޭނެ އުސޫލުތަކުގެ މައްޗަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.













