މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އަލަށް އެކުލަވާލި ގަވާއިދާ އެއްގޮތަށް، އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެމްއެމްބީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސް މަޖައްލާ ފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލި އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގައި މިހާރު ހިންގަމުންދާ އެންމެހައި ނޫސް މަޖައްލާތަކުގެ މައުލޫމާތު ހަ މަސްދުވަހުގެ ތެރޭގައި އަދާހަމަކޮށް، އަލުން ރަޖިސްޓްރީކުރަން ޖެހޭ ކަމަށެވެ. އެ މުއްދަތު އޮކްޓޯބަރު 27 އަށް ހަމަވާތީ، މުއްދަތު ހަމަވުމުގެ ކުރިން ރީ-ރަޖިސްޓްރީވުމަށް ކޮމިޝަނުން ވަނީ ނޫސް މަޖައްލާތަކަށް އަންގައިފައެވެ.
މީގެ ކުރިން އެކި މިނިސްޓްރީތަކުން ބަލަހައްޓަމުން ގެންދިޔަ ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމާއި ދަފްތަރު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެމްއެމްބީސީގެ ދަށަށް ބަދަލުވެގެން ދިޔައީ، އެ ކޮމިޝަނުގެ ހާއްސަ ގާނޫނު ވުޖޫދުވުމާ ގުޅިގެންނެވެ. އަލަށް ތަންފީޒުކުރަން ފެށި ގަވާއިދުގައި ނޫސް މަޖައްލާތައް މައިގަނޑު ހަތަރު ގިންތިއަކަށް ވަނީ ބަހާލައިފައެވެ. އެއީ ނޫސް، މަޖައްލާ، ނިއުސް ލެޓާގެ އިތުރުން ޖާނަލްއެވެ.
މި ބާވަތްތައް ޗާޕުކޮށްގެންނާއި، ވެބްސައިޓްތަކާއި، މީސް މީޑިއާ، މޯބައިލް އެޕްލިކޭޝަން އަދި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު އަ ގަވާއިދުން ވަނީ ނޫސް މަޖައްލާތަކަށް ފަހިކޮށްދީފައެވެ. މީގެއިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވެސް ނޫސް މަޖައްލާ ހިންގުމުގެ ހުއްދަ ލިބިދީފައިވީ ނަމަވެސް، ކުންފުނިތަކުގެ އެތެރޭގެ ބޭނުމަށް، މުވައްޒަފުންނަށް ހާއްސަކޮށްގެން ނެރޭ އެތެރޭގެ ލިޔުންތައް މި ގަވާއިދުގެ އިމުން ވަނީ އިސްތިސްނާކޮށްފައެވެ.
އާ ގަވާއިދު ބަޔާންކުރާ ގޮތުގައި ނޫސް މަޖައްލާއަކަށް ދޫކުރާ ރަޖިސްޓްރީގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މި މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އާކުރަން ހުށަހަޅަންޖެހޭނެއެވެ. އަދި އެއްވެސް މައުލޫމާތެއް ނުވަތަ ހަބަރެއް ޝާއިއުނުކޮށް އެއް އަހަރު ދުވަސް ވެއްޖެނަމަ، އެ ނޫސް މަޖައްލާއެއްގެ ރަޖިސްޓްރީ އޮޓޮމެޓިކުން ބާތިލުވާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.










