އެއްފައި ނެތް މީހުންނަށް އަމާޒުކޮށްގެން އެޑިޑާސްއިން ފެށި ’ސިންގަލް ޝޫ‘ ޚިދުމަތް ޕްރޮމޯޓްކުރުމަށް ނަސްލުހޭދު ހިންގުމުގައި ބައިވެރިވި އިޒްރޭލުގެ ސިފައިންގެ މީހަކު ބޭނުންކުރުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެޑިޑާސް ބޮއިކޮޓްކުރުމަށް ގޮވާލަން ފަށައިފިއެވެ.
މި ކެމްޕޭނުގައި ހިމަނާފައިވަނީ 2021 ވަނަ އަހަރު ޣައްޒާއަށް ދިން ހަމަލާތަކުގައި ފައި ބުރިކޮށްލަން ޖެހުނު އިސްރާއީލު ސިފައިންގެ މީހެއް ކަމަށްވާ ޝަލޭވް ބިޓޮންއެވެ. ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި 5،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުންގެ ގުނަވަންތައް ބުރިކޮށްލަން ޖެހިފައިވާއިރު، އިޒްރޭލު ސިފައިންގެ މީހަކު މިފަދަ ކެމްޕޭނެއްގައި ބޭނުންކުރުމަކީ ވަރަށް ބޮޑު މަލާމާތެކެވެ. މައްސަލަ ހޫނުވުމާ ގުޅިގެން އެޑިޑާސްއިން މިހާރު ވަނީ މިކަމަށް ’މަޢާފަށް‘ އެދިފައެވެ.
މިއީ އިޒްރޭލާއި ފަލަސްޠީނުގެ މައްސަލައިގައި އެޑިޑާސްއަށް ކުރިމަތިވި ފުރަތަމަ ގޮންޖެހުމެއް ނޫނެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ޖުލައި މަހު، 1972 ވަނަ އަހަރުގެ މިއުނިކް އޮލިމްޕިކްސްއާ ގުޅުވައިގެން ނެރުނު ބޫޓު ކެމްޕޭނެއްގައި ފަލަސްޠީނު ނަޞްލަށް ނިޞްބަތްވާ މަޝްހޫރު މޮޑެލް ބެލާ ޙަދީދު ބޭނުންކުރުމުން އިޒްރޭލު ސަރުކާރާއި ޔަހޫދީ ޖަމްޢިއްޔާތަކުން ވަރަށް ބޮޑަށް ފާޑުކިޔައި، އެޑިޑާސްއިން ވަނީ ބެލާ ޙަދީދު އެ ކެމްޕޭނުން ކަނޑާލާފައެވެ. އެފަހަރު އެ ކުންފުނިން އިޒްރޭލުގެ ޕްރެޝަރަށް ބޯލެނބިކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އިރު، މިއަދު އަނެއްކާވެސް އިޒްރޭލު ސިފައިންގެ މީހަކު ކެމްޕޭނުގައި އިސްކުރުމާ ގުޅިގެން އެ ކުންފުނީގެ އިންޞާފުވެރިކަމާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.









