އިޒްރޭލުގެ ނޫހެއް ކަމަށްވާ ’ހާރެޓްޒް‘ އިން ކުރި ތަޙުޤީޤީ ރިޕޯޓެއްގައި ބުނާގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ޙަމާސްއިން ދިން ކުޅަދާނަ ވަރުގަދަ ޙަމަލާގެ ގާތްގަނޑަކަށް 10 ދުވަސް ކުރިން، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ރައީސް މުޙައްމަދު ބިން ޒައިދު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅައި އެކަމުގެ އިންޒާރު ދީފައެވެ.
ރިޕޯޓުގައިވާ ގޮތުން، 45 މިނެޓުގެ ފޯނު ކޯލެއްގައި ބިން ޒައިދު ވަނީ ޙަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރު ވަރަށް ބޮޑު އަދި ނުރައްކާތެރި ޙަމަލާއެއް ރާވަމުންދާކަމުގެ މަޢުލޫމާތު ޙިއްޞާކޮށްފައެވެ. ނަމަވެސް، ނަތަންޔާހޫ ވަނީ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ، އިޒްރޭލުން އޮތީ ކޮންމެ ޙާލަތަކަށްވެސް ތައްޔާރަށް ކަމަށާއި، ޙަމާސްގެ އަމާޒު ހުރީ ވެސްޓް ބޭންކަށް ކަމަށް ޖަވާބުދީފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން މިކަން ދޮގުކުރި ނަމަވެސް، ކުރީގެ ބޮޑުވަޒީރު ނަފްޓާލީ ބެނެޓް ވަނީ މި ރިޕޯޓަކީ ތެދު ރިޕޯޓެއްކަން ކަށަވަރުކޮށްދީފައެވެ.













