އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދު އަލުން މަރާމާތުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމަށް ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވަނީ، މަޝްރޫއުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ސެގްމަންޓް 1 ގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމަށްފަހު، ތާރު ހަރުލެއްވުމަށް ބޭނުންކުރާ އެމްސީ-30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ. އަދި މި ހަފުތާގެ ތެރޭގައި އެ މަގުގައި ތާރުއަޅަން ފަށާނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ނިމިދިޔަ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހު ފެށި މި މަޝްރޫއުގެ ދަށުން، އެ ސެގްމަންޓުގައި ކުރިން އަޅާފައި އޮތް ބާ ތާރުގަނޑު ނެގުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މަގުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ދަތުރުފަތުރުގެ ލުއިފަސޭހަކަމަށްޓަކައި ބަސް ހުއްޓިތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައިވާ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އޮތް ސަރަހައްދު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. ނަމަވެސް މި މަސައްކަތް ނިމުމާއެކު ވީ އެންމެ އަވަހަކަށް މަގު ހުޅުވާލާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 84.4 މިލިއަން ރުފިޔާގެ ބޮޑު ހަރަދެއް ކޮށްގެން އެ މަގު ތަރައްގީކުރި ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ ތާރުގަނޑު އެކި ދިމާލުން އުފުލި، މަގު ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ. ކަމުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަމީނީ މަގު ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވުމަށް މެދުވެރިވީ ތާރުގަނޑު ނުހިކެނީސް އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމުންނެވެ.













