އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވާދަކުރައްވަންޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މި މޭރުމުން ވިދާޅުވީ، އެސްއެސްޓީވީން ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ ފައްޔާޒް އިސްމާޢީލަށް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޞާލިޙު ޕްރައިމަރީއަށް ނުކުމެވަޑައިގަންނަވަންވީ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ހަމައެހެންމެ، އެމަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އަދިވެސް ރާއްޖޭގައި އެބަތިބި ކަމަށާއި ނަމަވެސް މިފަހަރުގެ ނިންމެވުމަކީ ފައްޔާޒް އިސްމާޢީލަށް ފުރިހަމައަށް ތާއީދުކުރެއްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ޞާލިޙު ވާދަކުރެއްވި ނަމަވެސް، އެމަނިކުފާނުގެ އެ ނިންމެވުމަށާއި ވިސްނުންފުޅަށް އެއްވެސް ބަދަލެއް ނާންނާނެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ކޮންމެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ވެސް ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، އެމްޑީޕީން އެންމެ ބޮޑު އިސްކަމެއް ދޭންވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، އެމްޑީޕީ ތެރޭގައި ހިޔާލުތަފާތުވުންތައް ބޮޑުވެ، އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ރައްދުކުރަމުން އަންނަ ކަމެވެ. މީގެ އިތުރުން އެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅަކު މިފަހުން ވަނީ މަގާމުން ވެސް އިސްތިއުފާދެއްވައިފައެވެ. މަގާމުން އިސްތިއުފާދެއްވާފައިވަނީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަޙުމަދު ޢަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ޙުސައިންއެވެ. އެމްޑިޕީ ތެރޭގައި މިހާބޮޑަށް ބައިބައިވުން އުފެދިފައިވަނީ ރިޔާސީ ޕްރައިމެރީގައި ގިނަ ބޭފުޅުންތަކެއް ވާދަކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އެ ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެ ކަމަށް މިވަގުތު 5 ބޭފުޅަކު ވަނީ އިއުލާންކުރައްވައިފައެވެ. އެ 5 ބޭފުޅުންނަކީ:
- ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަޙުމަދު ޝަމްހީދު
ކުރީގެ ފޮރިންގ މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު
މި ބޭފުޅުންގެ އިތުރުން ނަޝީދު ވެސް ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރިޔާސީ ޓިކެޓް ހޯއްދެއްވުމުގެ އެއްވެސް ޝައުގެއް އެމަނިކުފާނުގެ ނެތް ކަމަށެވެ.













