ނިރުބަވެރި އިސްތިއުމާރީ ވެރިކަން، އިޒްރޭލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގައިވާ ނަބަތިއްޔޭ ޑިސްޓްރިކްޓަށް ދިން ވައިގެ ޙަމަލާތަކެއްގައި ކުޑަކުދިންނާއި ޞިއްޙީ އެހީތެރިން ހިމެނޭގޮތަށް މަދުވެގެން 11 މީހުން މަރުވެއްޖެއެވެ.
ކްފާރް ރޫމާން (ކްފާރް ރެމާން) އަވަށަށް ދިން ހަމަލާތަކުގައި އެއް ޢާއިލާއަކަށް (ފަރްހާތު ޢާއިލާ) ނިސްބަތްވާ 9 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ތުއްތު ދެ ކުދިންވެސް ހިމެނެއެވެ. އަދި ޑްރޯން މެދުވެރިކޮށް ދިން އެހެން ޙަމަލާއެއްގައި ދެ ޕެރަމެޑިކުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ދެއިރް އައް-ޒަހްރާނީ އަވަށަށްވެސް ޔަހޫދީ އިސްތިއުމާރީ ވެރިކަމުން ވަނީ ޙަމަލާދީފައެވެ.
މި ޙަމަލާތައް ދީފައިވަނީ އެމެރިކާ މެދުވެރިވެގެން ޖޫން މަހު އިޒްރޭލާ ލުބުނާނާ ދެމެދު ވެފައިވާ ’ސުލްޙައިގެ އެއްބަސްވުމާ‘ ޚިލާފަށެވެ. މިކަމުގެ ސަބަބުން، އަނބުރާ ރަށްރަށަށް ދިރިއުޅެން ދިޔަ ޢާންމު ރައްޔިތުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދި، ގިނަ ބަޔަކު އަނެއްކާވެސް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށާފައެވެ.









