ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ނަފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، ކޮންމެ ދިވެހި ރައްޔިތަކަށް ހިއްސާވާ ގޮތަށް 10 ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ސެކްޓަރަކީ ވަކި ބައެއްގެ އަމިއްލަ ތަނެއް ނޫން ކަމަށާއި، މި ދާއިރާއިން ވަކި ބަޔަކު އެކަނި މުއްސަނދިވުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން، އެއްވެސް ތަފާތުކުރުމެއް ނެތި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އޮތް ކޮންމެ މީހަކަށް ހަމަހަމަކަމާއެކު އާމްދަނީ ޖަމާވާނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 10 ރިސޯޓެއް ތަރައްގީކޮށް، އެ ތަންތަނުގެ ހިއްސާދާރުންނަކީ ހުރިހާ ދިވެހި ރައްޔިތުން ކަމުގައި ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މާލެ އަތޮޅާ ކައިރި އަތޮޅުތަކުން މި ރިސޯޓްތައް ގާއިމުކުރުމަށް ބޭނުންވާ ބިންތަކާއި ފަޅުތައް އަދި ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެސިލިޓޭޓް ކުރެވިގެން ދިއުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
”އަޅުގަނޑު އުއްމީދު ކުރަނީ ތިރީސް މަސް ދުވަހުގެ ތެރޭގައި، ތިން އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ރިސޯޓްތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް. މީގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓް ޝެއާ ހޯލްޑަރަކަށް ވެގެންދިއުން،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މި ރިސޯޓްތައް ހުޅުވި އޮޕަރޭޝަނަށް އައުމުން ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޑޮލަރާއި ރުފިޔާއިން އާމްދަނީ ޖަމާވާން ފަށާނެ ކަމަށެވެ. އަދި މިއީ ރިޔާސީ ބަޔާނުގައި ހަމައެކަނި އިއުލާންކޮށްލި ކަމެއް ނޫން ކަމަށާއި، މި މަޝްރޫއު ވަރަށް ބާރަށް އަދި ފުރިހަމައަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.












