ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ގެ 4،000 ހައުސިންގ ޔުނިޓާ ގުޅިގެން ބަލަމުންދާ ތަފާތު 44 މައްސަލައެއްގެ ތެރެއިން، މިހާތަނަށް 4 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ދޫކޮށްފައިވާ މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭގޮތުން އެފްޑީސީއަށް ހުށަހެޅޭ ޝަކުވާތައް އެ ކޯޕަރޭޝަނުން ވަރަށް ގާތުން ބަލަމުން އަންނައިރު، ފްލެޓްތައް ހަވާލުކުރެވުނީ ގަވާއިދާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރާއެކުގައެވެ. ނަމަވެސް، ފްލެޓް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް އެފްޑީސީން ފާހަގަކޮށްފައިވެއެވެ.
އެގޮތުން، ކުއްޔަށް ދިނުމުގެ މައްސަލަތަކުގެ ތެރެއިން 1 ފަރާތެއްގެ މައްސަލަ ބަލައި ނިންމައި ޖޫރިމަނާކޮށްފައިވާއިރު، އިތުރު 2 ފަރާތަކަށް ވަނީ ނޯޓިސް ފޮނުވައިފައެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު 8 މައްސަލައެއް މިހާރު ވެސް ބަލަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. މީގެއިތުރުން، އެ ސަރަހައްދުގައި އެންމެ ބޮޑުވެފައިވާ ކުނީގެ މައްސަލައާ ގުޅިގެން ވެސް އެފްޑީސީން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ކުނި އެޅުމުގެ ގަވާއިދާ ހިލާފުވުމުގެ 3 މައްސަލައެއް ބަލަމުންދާއިރު، އޭގެ ތެރެއިން މައްސަލަ ނިމުނު 1 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ބާކީ 2 މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އެފްޑީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ދެން އެންމެ ގިނައިން ހުށަހެޅިފައިވަނީ ހުއްދަނެތި އިމާރާތަށް ބަދަލު ގެނައުމުގެ މައްސަލަތަކެވެ. މިގޮތުން ބަލަމުންދާ 27 މައްސަލައިގެ ތެރެއިން 1 ފަރާތް ޖޫރިމަނާކޮށް، އަނެއް ފަރާތަށް ވަނީ ނޯޓިސް ފޮނުވައިފައެވެ. އަދި ބާކީ 25 ފަރާތެއްގެ މައްސަލަ ވެސް އެފްޑީސީން މިހާރު ގެންދަނީ ބަލަމުންނެވެ. މީގެ އިތުރުން އާންމުން ހުށަހަޅާފައިވާ ޝަކުވާތަކާއި، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފުވެގެން ހުށަހެޅިފައިވާ މައްސަލަތައް އެ ކޯޕަރޭޝަނުން ދަނީ ބަލަމުންނެވެ. މިގޮތުން، އެންގުންތަކަށް އަމަލުނުކުރުމުގެ 2 މައްސަލައަކާއި އަޑުގަދަވުމުގެ ސަބަބުން ހުށަހެޅިފައިވާ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.
އެފްޑީސީން އިތުރަށް ބުނެފައިވަނީ، ޖުމްލަ 3,405 ޔުނިޓަކުން ގަވާއިދުން މަހުން މަހަށް ކުލި ދައްކަމުން އަންނަ ކަމަށާއި، ގަވާއިދުން ކުލި ނުދައްކަނީ 509 ޔުނިޓެއް އެކަނި ކަމަށެވެ.













ކުލި ނުދައްކާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭކަށް ނެތް