ދައްކަންޖެހޭ ޓްރެފިކް ޖޫރިމަނާގެ އަދަދު 5،000 ރުފިޔާއަށް ވުރެ އިތުރުވެއްޖެ ހާލަތެއްގައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި މުހިންމު އިސްލާހުތަކަށް އަމަލުކުރަން ފަށައިފިއެވެ.
މީގެ ކުރިން އޮތް އުސޫލުގައި ލައިސަންސް ބާތިލުވަނީ އޭގެ މުއްދަތު ހަމަވުމުން ނުވަތަ ގަވާއިދާ ހިލާފުވެގެން އުނިކުރާ ކްރެޑިޓް ޕޮއިންޓް ހުސްވުމުން ކަމުގައި ވިޔަސް، އަލަށް ގެނެވުނު ބަދަލާއެކު ގާނޫނުގައި ބަޔާންކުރާ ޝަރުތެއް އުނިވުމުންނާއި، ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ކުރުމުގެ އިތުރުން 5،000 ރުފިޔާއަށް ވުރެ ޖޫރިމަނާ ބޮޑުވުމުން ވެސް ލައިސަންސް ހިފެހެއްޓޭނެއެވެ.
ޓްރެފިކް ފުލުހުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާ ހާލަތްތަކުގައި 48 ގަޑިއިރުގެ ވަގުތީ ހުއްދައެއް ލިބޭނެއެވެ. އަދި ބަންދު ދުވަސްތަކުގައި ފައިސާ ދެއްކޭނެ ގޮތެއް ނެތްނަމަ އެ މުއްދަތު ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުލައެވެ. މީގެއިތުރުން ޝަރުތު އުނިވެގެން ލައިސަންސް ހިފަހައްޓާ ހާލަތުގައި، މިނިސްޓްރީން އެކަން ކަށަވަރުކުރުމަށްފަހު އެ ލައިސަންސެއް އެއްކޮށް ބާތިލުކުރަން ޖެހެއެވެ.
އާ ގާނޫނު ބުނާގޮތުން ސައްހަ ލައިސަންސެއް ނެތި، ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް، އަދި ހިފަހައްޓާފައި ވަނިކޮށް ދުއްވުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. އެގޮތުން ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރަށް 1،000 ރުފިޔާ، ދެވަނަ ފަހަރަށް 1،500 ރުފިޔާ އަދި ތިންވަނަ ފަހަރަށް 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ތިން ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ކުރި ޖޫރިމަނާގެ ދެގުނަ އަރާނެއެވެ. މީގެ އިތުރުން އެ ދުއްވި އުޅަނދެއް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭއިރު، އުޅަނދުގެ ވެރިފަރާތް ވެސް 2،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
ޕާކުކުރުމުގެ ގަވާއިދުތަކަށް ބަލާއިރު، އާންމު ގޮތެއްގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ފަރާތްތައް 500 ރުފިޔާއިން ޖޫރިމަނާކޮށް ޑީމެރިޓް ޕޮއިންޓް އުނިކުރާނެއެވެ. ނަމަވެސް މަގުތަކުގެ ކަންމަތި، ކަފިހިހުރަސް، ބަސް ހުއްޓި އަދި ސްކޫލްތައް ކައިރީ ހާއްސަކޮށްފައިވާ ޒޯންތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ޕާކުކޮށްފިނަމަ ޖޫރިމަނާގެ އަދަދު 1،500 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.
މި އިސްލާހުގައި ނުރައްކާތެރިކޮށް ދުއްވުމާއި ޒިންމާދާރުކަން ކުޑަ އަމަލުތަކަށް ވަނީ ވަރަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ލައިސަންސް ނެތް މީހަކަށް، ކުޑަކުއްޖަކަށް ނުވަތަ ފަސިންޖަރަކަށް އުޅަނދުގެ ކޮންޓްރޯލް ދީފިނަމަ 25،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ އެ އަދަދު 50،000 އިން 100،000 ރުފިޔާއަށް އަރާނެއެވެ.
ހަމައެއާއެކު، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާވާ ގޮތަށް އުޅަނދު ދުއްވާ ފަރާތްތައް 25،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު، އެފަދަ ހާދިސާއެއްގައި މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިއްޖެނަމަ އެ ޖޫރިމަނާ 100،000 އިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް ބޮޑުކުރުމުގެ ބާރު ގާނޫނުން ވަނީ ދީފައެވެ.










