ހުޅުމާލެ 2 ވަނަ ފިޔަވަހީގައި 2 ސައިކަލުޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓާއި ގުޅިގެން މީޑިއާތަަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ނިރޮޅުމަގު، ކޭޕީއެސް ކައިރީ ގައި 2 ސައިކަލުޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ 08:54 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުންބުނީ މި އެކްސިޑެންޓްގައި 2 ސައިކަލުގައި ތިބި 2 މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
ފަހަކަށް އައިސް އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްޞަކޮށް ހުޅުމާލޭގައި މިދުވަސްވަރު އެތައް އެކްސިޑެންޓްތައް ހިނގަމުންދާއިރު، ދާދިފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 އަހަރުގެ ތުއްތު ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، ފުލުހުންނާއި އެޗްޑީސީ އަދި ކަމާއި ގުޅުންހުރި އިދާރާތަކުން ވަނީ އެކްސިޑެންޓްތައް މަދުކުރުމާއި ގުޅޭގޮތުން މުހިންމު މަސައްކަތްތަކެއް ފަށާފައެވެ. އަދި މިކަމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.













