ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ހިނގިއަސް އަދި އެހެން ކޮންމެ ސަރުކާރެއްގައި ހިނގިއަސް، ކޮރަޕްޝަންގެ އަމަލުތަކުގައި ޝާމިލުވެފައިވާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު މި ސަރުކާރުން އަޅާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މި މޭރުމުން ވިދާޅުވީ ”އެކި އެމްވީ“ ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ”އެކި އެމްވީ“ އިން ކުރި ސުވާލަކީ ”ރައީސް މުޢިއްޒު އަަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަކީ ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅު ބޭފުޅެއް ކަމަށް. އެމަނިކުފާނުގެ ބަހާ އަމަލުފުޅުން އެކަން ދައްކުވާދެއްވާފައިވޭ. ނަމަވެސް މިިދިޔަ އެމްޑީޕީ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަން މައްސަލަތައް ނުބައްލަވަނީ ކީއްވެތޯ. މިިދިޔަ ސަރުކާރުގައި ކޮރަޕްޝަނުގެ އެތައް ކަމެއް ފާޅުގައި ހިންގާފައިވާ އިރު އެކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅުން ނުވަތަ މައްސަލަތައް ނުބަލާތީ ރައްޔިތުން މިކަމާ މެދު ސުވާލު އުފައްދާ.“ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ކޮރަޕްޝަނުގެ އަމަލުތައް ބެލުމުގެ ނަމުގައި ރިޔާސީ ކޮމިޝަންތައް އުފައްދައި، މީހުން ފަހާ ދުވުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށާއި، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ހުރިހާ ސަރުކާރުތަކެއްގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ސަރުކާރުން އެއްވެސް ގާނޫނީ ހުރަހެއް ނާޅާނެ ކަމަށާއި ސަރުކާރުން އެކަންކަމުގެ ތެރެއަށް ”ހަތަރެސްފައި ބާނައިގެން“ ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާނެ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް އިޝާރާތްކުރައްވައި މުންދު ވިދާޅުވީ، ރިޔާސީ ކޮމިޝަންތައް އުފައްދައިގެން ބޮޑެތި ހަރަދުތައް ކުރުމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ”އަތްމަތީ“ ކަމަކަށް ހަދައިގެން އުޅުނު ކަމެއް ކަމަށެވެ.
”ކުރީ ސަރުކާރުގެ ވަރަށް އަތްމަތީ އެއްޗެއްނުން އެއީ، ކޮމިޝަނެއް ހަދައިފަ ވަރަށް ބައިވަރު ލާރިދީފަ މުސާރައަށް މީހުން ނަގައިފަ ރައީސް އޮފީހުގައި ބައިތިއްބައިގެން ކޮމިޝަންތަކެއް ހަދައިގެން އަޅުގަނޑުމެންނެއް ނޫޅެމޭ މީހުން ފަހާ ދުވާކަށެއް،“ – މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ކޮރަޕްޝަން ބެލުމަށް އެކަށައަޅާފައިވާ މުއައްސަސާތަކެއް އެބަހުރި ކަމަށާއި، އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް، ނާޖާއިޒު ގޮތުގައި ހިންގާ ކޮންމެ ކަމެއްވެސް ތަހުގީގު ކުރެވޭނެ މަގު ފަހިވެފައިވާ ކަމަށެވެ. އަދި މި ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ގެނެވެމުންދާކަން މުންދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި މި ސަރުކާރުން ވަކި ފަރާތަކަށް ނުބަލާނެ ކަމަށާއި އެގޮތުން ކުރީގެ ސަރުކާރާއި، އޭގެ ކުރީގެ ސަރުކާރުތަކުގެ އިތުރުން މިހާރުގެ ސަރުކާރާ ގުޅުންހުރި ކޮރަޕްޝަނުގެ އަމަލުތަކެއް ވިޔަސް، އެކަންކަމާ ގުޅޭ ތަހުގީގުތައް މިހާރުވެސް ކަމާ ގުޅުންހުރި މުއައްސަސާތަކުން ބަލަމުން ގެންދާ ކަމަށް މުންދު ވިދާޅުވިއެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލަ ކަމަށްވާ ކޮވިޑް-19 ގެ ދުވަސްވަރު ހިނގައިދިޔަ ވެންޓިލޭޓަރުގެ މައްސަލައިގެ މައްޗަށް މުންދު އަލިއަޅުއްވާލެއްވިއެވެ. މި މައްސަލައާ ގުޅިގެން މުންދު ވިދާޅުވީ، މިކަމަކީ ޔޫއޭއީގެ ކުންފުންޏަކާ ގުޅިގެން ހިންގާފައިވާ މުއާމަލާތެއް ކަމަށާއި، އެ ގައުމުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކަމާ ގުޅޭ ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. އަދި ކޮރަޕްޝަން ހިންގާ ފަރާތްތަކުން އެކަން ކުރަނީ ވަރަށް ރޭވުންތެރިކަމާއެކު ފޮރުވިގެން ތިބެ ކަމަށްވުމުން، އެފަދަ ކަންކަން ހޯދައި އެކަމުގައި ޝާމިލުވާ ފަރާތްތައް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”ވައްކަންކުރާ މީހުން ވައްކަން ކުރާނީ ވަރަށް މޮޅަށް. ކޮންމެ ކޮންމެ މީހަކަށް ވައްކަން ކުރާކަށް ނުކެރޭނެ. އަޅުގަނޑުމެންގެ ތޮބީއަތުގައި ހުންނަ ކަމެއް ނޫން އެއީކީ. އެކަމަކު އެކަހަލަ ކަމެއް ކުރާ މީހަކު އެކަން ކުރާނީ އޭނާގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފަސްއެޅޭ ގޮތަށް،“ – މުންދު ވިދާޅުވިއެވެ.
ކަންކަން ފޮރުވަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، މިފަދަ މައްސަލަތަކުގައި ޝާމިލުވާ ބައެއް ފަރާތްތައް ހޯދައި، ޕްރޮސެކިއުޝަނާ ހަމައަށް ގެންގޮސް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރެވެމުންދާކަން މުންދު ވިދާޅުވިއެވެ. ކޮރަޕްޝަންގެ މާނަ ވަރަށް ފުޅާކަން ފާހަގަކުރައްވައި މުންދު އިތުރަށް ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާއަށް ހިޔާނާތްތެރިވުން ނޫން ކަމަށާއި، މަގާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވެސް ކޮރަޕްޝަންގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި މިފަދަ ހުރިހާ މައްސަލަތަކެއް ވެސް ސަރުކާރުން ބަލައި، ޖަވާބުދާރީ ކުރުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.












