ދައުވަތު ނުދެނީސް ގަވާއިދާ ހިލާފަށް ”އަދަދު“ ނޫހުގެ ނޫސްވެރިއަކު ދައުލަތުގެ މީޑިއާގެ އިމާރާތަށް ވަދެ، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި އޮތް ސްޓޫޑިއޯއިން ނުކުތުމަށް ދެކޮޅު ހެދުމާ ގުޅިގެން މިއަދު ބޭއްވުމަށް ނިންމާފައިވާ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.
”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގެ ނަމުގައި ޕީއެސްއެމްގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަދެވޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުވަތު ފޮނުވާފައިވާ މީޑިއާތަކަށް އެކަންޏެވެ. ”އަދަދު“ ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުން އެއްކޮށް މަނާކޮށްފައިވާ މީޑިއާއެއް ކަމުގައިވާތީ އެ އޮފީހުން ”އަދަދު“ ނޫހަށް މި ދައުވަތު ފޮނުވައިފައެއް ނުވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ”އަދަދު“ ނޫހަށް ދައުވަތު ފޮނުވާފައި ނުވިނަމަވެސް، އެ ނޫހުގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިއެއް ކަމަށްވާ ލީވާން ޢަލީ ނާސިރު ވަނީ ޕީއެސްއެމްގެ ސްޓޯޑިއޯއަށް ގަވާއިދާ ހިލާފަށް ވަދެ، އެ ތަނުން ނުކުތުމަށް އެންގުމުން އެކަމަށް ދެކޮޅު ހަދައިފައެވެ. މިކަމުގެ ސަބަބުން ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެންމެފަހުން ޖެހުނީ ކެންސަލްކުރާށެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ”ޕްރެސަރ ވިތް ދަ ސްޕޮކްސް“ ގެ ނަމުގައި ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ މީޑިއާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަމަށް ހާއްސަކުރެވިފައިވާ ވަޓްސް އެޕް ގްރޫޕް މެދުވެރިކޮށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ޑްރާމާއާއި ފިލްމު ކުޅެ، ގާނޫނާ ހިލާފު އަމަލުތައް ހިންގާ، މީޑިއާގެ ނަމުގައި މީޑިއާގެ ތޮފި އަޅައިގެން އުޅޭ، ”އަދަދު“ ނޫހުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.
”އަޅުގަނޑުގެ ޕްރެސް ކޮންފަރެންސަށް ވަޑައިގަންނަވާ ބޭފުޅުންނަށް ދައުވަތު މި އަރުވަނީ ހަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރެންސްތަކަށް ދައުވަތު އަރުވާ ރަސްމީ ގެޒެޓް ކުރެވި، އިއުލާންކުރެވި، އަދި ރަސްމީ ގޮތުން ހުރިހާ މީޑިއާތަކެއް ސްކްރީންކޮށް ކޮންމެ މީޑިއާއަކުން އެކަށައަޅާ ނޫސްވެރިއަކު ހިމެނޭ ގޮތަށް އޮންނަ ރަސްމީ ގްރޫޕެއްގައި، އެނގި ވަޑައިގަންނަވާނެ އަދަދު ނޫހުން މީގެ ދެތިން މަސް ކުރިން ގާނޫނާ ހިލާފު އަމަލުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިންގުމާ ގުޅިގެން އަދި ޖިނާއީ މައްސަލަތަކެއް އެ ފަރާތާ ގުޅޭގޮތުން ކުރިއަށްދާތީ އެ މައްސަލަ ގޮތަކަށް ނިމެންދެން އަޅުގަނޑުމެންވާނީ އެ ގްރޫޕުން އަދަދު ނޫސް އެ ހިސާބުން ފެށިގެން އުނިކޮށްފައި.“ – މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ވަރަށް އަވަސް މުސްތަގުބަލެއްގައި ސައްހަ ނޫސްވެރިންނާއެކު ތަފާތު އެހެން މާހައުލެއްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ”އަދަދު“ ނޫސް ނުވަތަ އެހެން އެއްވެސް ނޫހަކަށް ފުރުސަތު ނުދެއްވާނެ ކަމަށް މުންދު ވިދާޅުވިއެވެ.













